ކޮންމެ އަހަރެކޭ ވެސް އެއްފަދައިން 2020 ވަނަ އަހަރަށް ވެސް މަރުހަބާ ކީ އާ ހުވަފެންތަކާ އާ އުއްމީދުތަކާ އެކު އެވެ. ހާސިލު ކުރާނެ ކަންތައްތައް ހިތުލައި، ދިރިއުޅުން އިތުރަށް ރަނގަޅު ކުރާނޭ "ރިޒޮލިއުޝަން"ތަކެއް ކަނޑައަޅައިގެންނެވެ. އާންމު ދިރިއުޅުން ކަމަށް ވިޔަސް، މަސައްކަތާއި ކިޔެވުމުގެ މާހައުލުގައި ކަމަށް ވިޔަސް މެއެވެ.

ނަމަވެސް މި އަހަރު ވެގެން މިދިޔައީ އެ އުންމީދުތައް ހާސިލްވި އަހަރެއްގެ ގޮތަކު ނޫނެވެ؛ މި އަހަރަކީ ބައެއް މީހުންގެ ހަޔާތުންނ ނުވަތަ ކަލަންޑަރުން "ފޮހެލާފައިވާ" އަހަރެކެވެ. ޖެނުއަރީ އެއް ވަނަ ދުވަހު ދުށް ހުވަފެންތަކާއި، އުއްމީދުތައް ގޭގައި ބަންދުކޮށް، ހާސިލު ކުރަން ހިތުލީ ކަންކަން ވެސް ކަފުން ކުރީއެވެ. މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން ތަރައްގީގެ އަމާޒެއް ކަމުގައި ކަނޑައެޅި '2020ގެ ތަސައްވުރާ' އަލްވަދާއު ކީއެވެ. ގިނަ ބަޔަކަށް 2020 ވަނަ އަހަރު ވެގެން މި ދިޔައީ އެ މީހުންގެ ދިރިއުޅުމުން "ގެއްލުނު" އަހަރަކަށެވެ. ދިރިއުޅުމުގެ ކަލަންޑަރުން ޖާގަ ނުލިބުނު އަހަރަކަށެވެ.

ރާއްޖޭގެ ފަހުގެ ތާރީހެއްގައި ދިވެހިންގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރު ކުރި ކަމަކީ މި އަހަރު ތެރޭ ފެތުރިގެންފައި މިވާ ކޮވިޑް-19 އެވެ. ކޮވިޑް-19 މިވަނީ 1987 ވަނަ އަހަރުގެ ބޮޑު ރޯގާ އާއި 2004 ވަނަ އަހަރުގެ ސުނާމީގެ ރިކޯޑް ވެސް މުގުރާލައިފަ އެވެ.

އަސްލު ވަރަށް ބޮޑު ގެއްލުމެއް މުޅި އެއް އަހަރު ކިޔެވުމާ އެހާ ދުރުވުމަކީ. އޮންލައިން ކްލާސްތައް ނަގައިގެން އަހަރުގެ އެއްބައި ފުރިހަމަ ކުރެވޭ ވަރު ވިޔަސް އަދި ކުރިއަށް އޮތް އަހަރު ވެސް މި އުޅެން ޖެހެނީ މި ބެކްލޮގް ނުފިލައިގެން
ސްކޫލު ދަރިވަރެއްގެ ބެލެނިވެރިއެއް

ކޮވިޑް-19ގެ ބަލިމަޑުކަން ވެގެން މި ދިޔައީ އެންމެންގެ ފައިގައި ކަސްތޮޅު އެޅުވި އަހަރަކަށެވެ. މުއްދަތެއް ނެތް ގޮތަށް ސްކޫލުތައް ބަންދު ކުރި އިރު، ދަރިވަރުންނަށް މުޅި އަހަރެއް އެއްކޮށް ގެއްލިގެން ދިޔައީ އެވެ. ތައުލީމާ ދުވަހަކު ނުދާހާ ދުރަށް ދެވުނު އަހަރަކަށް މިއަހަރު ވާނެ އެވެ. ވަކި ހިސާބަކުން އޮންލައިން ކްލާސްތައް ހިންގަން ފެށި ނަމަވެސް ސްކޫލު މާހައުލުން ދަރިވަރުންނަށް އުނގަންނައި ދޭ މުހިންމު ކަންތައް ތަކުން އެ ކުދިން މަހުރޫމުވީ އެވެ. ހަމައެކަނި ސްކޫލް ދަރިވަރުންނެއް ނޫނެވެ. ކޮލެޖުތަކާއި ޔުނިވާސިޓީ ދަރިވަރުން ވެސް މެ އެވެ. 2020 މިވީ ތައުލީމީ ކަލަންޑަރުގައި ވެސް ނުހިމެނު އަހަރަކަށެވެ.

ދަރިވަރުންގޭގައި ތިބެގެން ފިލާވަޅު ހަދަން މަސައްކަތް ކުރަނީ

ދަރިވަރުން ސްކޫލަށް ނުގޮސް ގޭގައި ތިބި އިރު، ބެލެނިވެރިންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އޮފީސްތަކާއި ވަޒީފާ އަށް ނުގޮސް ތިބެން ޖެހުނީ ގޭގަ އެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލުނު އިރު، އަނެއްބައި މީހުންގެ މުސާރަތަށް ދެކޮޅު ނުޖެހޭ ވަރަށް ކުޑަވެގެން ދިޔައީ އެވެ. ވަޒީފާގެ މާހައުލުން ލިބެން އޮތް ކުރިއެރުމެއް ނަމަ ވެސް އޮފީސް ތިޖޫރީއަށް ލާ ބަންދު ކުރީ އެވެ. ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް ބޮޑު އަސަރެއް ކުރި 15000 މީހުންނަށް ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފަ އެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޯޓް އެލަވަންސް ދޭން ނުފެށި ނަމަ، މިއަދު މަގުމަތި ވެފައި ތިބޭނެ މީހުންގެ އަދަދު އިންތިހާ އެވެ.

2020 ވަނަ އަހަރު މުޅިން ހެން ހަމަ ބަންދުކޮށްގެން މި އުޅެން ޖެހުނީ ކޮރޯނާއާ ހެދި. ގެސްޓްހައުސް އިން އެއްވެސް އާމްދަނީ އެއް ނުލިބޭތީ ވިސްނައިފިން އެއްކޮށް ބަންދު ކުރަން ވެސް.
ގެސްޓްހައުސް ވިޔަފާރި ކުރާ މީހެއް

ދުވަހަކު ތަޖުރިބާ ކުރަން ނުޖެހޭ އަނދަވަޅަކަށް ވިޔަފާރިތައް ވެއްޓުނީ އެވެ. ބަނގުރޫޓު ވުމާއި، ފައިނޭންސް ފޮތް ތަކުގައި ލިޔާ ނަމްބަރުތައް ދުވަހަކު ދަށް ނުވާ ވަރަށް ދަށް ވީ އެވެ. ބައެއް ކުންފުނިތަކަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ނުދެވޭ ހާ ހާލަތު ގޯސްވެގެން ދިޔަ އިރު، ރައްކާ ކޮށްފައި އޮތް އެއްޗެއް ނަމަ ވެސް ހުސްވީ އެވެ. ކުންފުނިތައް އެކަންޏެއް ނޫނެވެ. އަމިއްލަ ފަރުދުންނަށް ވެސް ވީ އެހެންނެވެ. އަތުގައި ރައްކާ ކޮށްފައި އޮތްހާ އެއްޗެއް ހުސްވެ، ބިކަވީ އެވެ. އާންމުނަށް އިންކަމް ސަޕޯޓް އެލަވަންސް ދިން ފަދައިން ވިޔަފާތައް ވެސް ހުއްޓުނަ ނުދީ ހިފެހެއްޓީ ސަރުކާރުން ދިން ލޯނެވެ. އެގޮތުން ބޮޑެތި 408 ވިޔަފާރި އަކަށާއި، 2173 ކުދި ވިޔަފާރި އަކަށް އެންޑީއެފްސީ މެދުވެރިކޮށް ލޯނު ދީފައި ވެ އެވެ.

27 މާޗް 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ފޮޓޯ: ޓްވިޓާ

އިގްތިސޯދީ ގޮތުން ފުން އަނދަވަޅަކަށް ވެއްޓެން މެދުވެރި ވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފެންނަން އޮތީ ރާއްޖޭގެ އިގްތިސޯދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާ ވެފައި ވާ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމެވެ. ކޮވިޑުގެ ކަސްތަޅު އެޅި ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުވުމުންނެވެ. އެއާލައިންތައް ހުއްޓުމެވެ. ފަތުރުވެރިންނަށް ދަތުރު ކުރާން ރައްކާތެރި މާހައުލެއް ނެތުމާއި، އަތްމަތި ދަތިވުން ވެސް މެ އެވެ. ރާއްޖޭގެ ފަތުރުވެރި ކަމުގެ މައި ލޭނާރު ކަމުގައި ވާ ރިސޯޓްތައް ބަންދުކޮށް ބޮޑު ތަޅު އަޅުވަން މަޖުބޫރު ކުރުވީ، އެ ރިސޯޓް ތަކުގެ މުވައްޒަފުން ބޮޑު ނިކަމެތި ކަމެއްގެ ތެރެއަށް ވައްޓާލަމުންނެވެ.

އިގްތިސޯދެކޭ އެއްފަދައިން އިޖުތިމާއީ ހަރަކާތްތައް ވެސް ހުއްޓުމަކަށް އައީ އެވެ. ހޭލަމޭލަވެ އުޅުމާއި، ރައްޓެހިންނާ އެކު ކޮފީތަކަށް ދިއުމާއި، ކުޑަކުދިން ގޮވައިގެން ޕާކު ތަކަށް ދިއުން ވެސް އެއްކޮށް ހުއްޓުނީ އެވެ. އަމިއްލަ ހިތްހަމަޖެހުމަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަކަށް ގައުމު ދިއުމުން އެކަމުގެ އަސަރު ނުކުރާ މީހަކު ހުންނާނޭ ބުނުން ވާނީ ހަމަ ގޯހަކަށެވެ. އެތައް ހާސް ބަޔަކު ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެގެން ދިޔަ އިރު، އެފަދަ ބަލިތަކަށް ފަރުވާ ހޯދަން އެދުނު މީހުންގެ އަދަދު 3 ގުނައަށް ވަނީ އިތުރު ވެގެން ގޮސްފަ އެވެ. އިޖުތިމާއީ ހަރަކާތްތައް ހުއްޓުމުން ލިބުނު ގެއްލުން ވަކި އިގްތިސޯދީ ހަރަކާތްތައް ހުއްޓުމުން ލިބުނު ގެއްލުމަށް ވުރެ މަދެއް ނޫނެވެ.

މާލޭގެ މަގުތަކަށް ހަމަހިމޭންކަން ވެރިވެފައި: ކޮވިޑް-19ގެ ސަބަުން އާންމުން ތިބީ ގޭ ބަންދުވެފައި / ފޮޓޯ: ނިމާ ހަސަން \ ދަ ޕްރެސް
އެއްވެސް ޓްރިޕެއްގަ ނުދެވުނު މިއަހަރު. ދެން އެއްވެސް ކަމެއް ނެތި ގޭގައި ހުންނަން ޖެހުމުން ވަރަށް ވައި. ބާތް ޑޭ ވެސް ސެލެބްރޭޓް އެއް ނުކުރެވުނު. 2020 އިޒް އަ ވޭސްޓް
ދިވެއްސެއް

ގޭގައި ބަންދުވެ ތިބެ ހޭދަ ކުރަން ޖެހުނު އަހަރެއް ކަމުން، އުފަން ދުވަހާއި އެނިވާސަރީ ފަދަ މުނާސަބާތުތައް ވެސް ފާހަގައެއް ނުކުރެވެ އެވެ. އެއީ ވެސް 2020 ވަނަ އަހަރު ކަލަންޑަރުގައި ނުހިމެނޭ ކަމަށް ގިނަ ބަޔަކު ދެކޭ ސަބަބެކެވެ. 2020 ވަނަ އަހަރަކީ އުމުރުގައި ނުހިމެނޭ އަހަރެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ނިންމާފަ އެވެ. އާއިލާއާއި ގާތް ރައްޓެހިންނާ އެކު ފާހަގަ ނުކުރެވޭ މުނާސަބަތަކީ މުނާސަބަތެއް ނޫން ކަމަށް ނިންމާފަ އެވެ.

މިހާތަނަށް އައި އިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 13600 އަށް ވުރެ މަތިވެފައި ވާއިރު، މި ބަލީގައި 48 މީހަކު ނިޔާވެފައި ވެ އެވެ. މިހާ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވުމާއި، އެ މީހުންނާ ކޮންޓެކްޓް ވާ މީހުން ކަރަންޓީނު ކުރުމުން އަދި މި ބަލިން އިތުރު ބަޔަކު ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެތައް ބައެއްގެ މިންނެތް މަސައްކަތެވެ. ސިއްހީ ހިދުމަތްތެރިންނާއި، ސަލާމަތީ ހިދުމަތްތަކުގެ މީހުންނާއި، ނޫސްވެރިންނާއި، ކޮންމެހެން ދޭން ޖެހޭ ހިދުމަތް ދިނުމަށް ލޮކްޑައުނެއް ކަމަކު ފުރާނަ އަތްމައްޗަށް ލައިގެން ނިކުތް ހުރިހާ އެންމެނެވެ. އެ މީހުންނަށް 2020 ވަނަ އަހަރު ވެފައި ވަނީ ތަފާތު އެކި ތަޖުރިބާ ކުރެވުނު މުހިންމު އަހަރަކަށެވެ. އެހެން ކަމުން 2020 ވަނަ އަހަރަކީ ކަލަންޑަރުގައި ނުހިމެނޭ އަހަރެއް ނޫން ހެއްޔެވެ؟