ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދު ކޮށްފައި ބޭއްވުމަށްފަހު މިމަހުގެ 26 ވަނަ ދުވަހު ބައިނަލްއަގުވާމީ އުދުހުންތަކަށް ގައުމު ގުޅުވާލަން ނިންމާފައިވާއިރު، އެއާލައިންތަކުން ދައްކަން ޖެހޭ ލޭންޑިންގް ފީއާއި ޕާކިންގް ފީ މައާފު ކޮށްދިނުމަށް ސްރީލަންކާގެ ސަރުކާރުން ފާސް ކޮށްފިއެވެ.

ސްރީލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކެބިނިޓް ބްރީފިންގްގައި ވާހަކަދައްކަވަމުން ލަންކާ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ކެހޭލިއާ ރަމްބުކްވެއްލާ ވިދާޅުވީ، މި ނިންމުމަކީ، ބައިނަލްއަގުވާމީ އެއާލައިންތަކުން ލަންކާއަށް އޮޕަރޭޓް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ރަމްބުކްވެއްލާ އިތުރަށް ވިދާޅުވީ ސިއްހީ ގޮތުން ދީފައިވާ އިރުޝާދުތަކާ އެއް ގޮތަށް، ޑިސެމްބަރު 26 އިން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓްތައް ހުޅުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާ ކަމަށެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާ ސްރީލަންކަން އެއާލައިންސް ފްލައިޓެއްގެ ގްރައުންޑް ހެންޑްލިންގް މަސައްކަތް ކުރއިަށްދަނީ/ފޮޓޯ: އިންފްލަިއޓް ނިއުސް

26 ވަނަ ދުވަހު ލަންކާގެ ވައިގެ ބަނދަރުތައް، ފަތުރުވެރިންނަށް ހުޅުވާލަނީ ޕައިލެޓް ޕްރޮޖެކްޓް އުސޫލުންނެވެ. ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ވެގެން އެއާޕޯޓަށް އާދެވޭނީ 500 ފަތުރުވެރިންނަށް ކަމަށް ލަންކާއިން ވަނީ ކަނޑައަޅާފައެވެ. ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ކަރަންޓީނުގެ ހާއްސަ އަމުރުތަކެއް ތަންފީޒު ކުރަންވެސް ޖެހެއެވެ.

ބޯޑަރުތައް ހުޅުވާލުމާއެކު ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ފުރަތަމަ ގުރޫޕަކީ ރަޝިއާގެ ގުރޫޕެއް ކަމަށް ހަބަރު ލިބެއެވެ.