ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ރެސިޑެންޝަލް ޑިވެލޮޕްމަންޓް ވަން އެވެނިއު އިން ވިޔަފާރި ކުރުމަށް ލޮޓެއް ދިނުމަށް ހުޅުވާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕަމްނޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނީ މާޓެއް ނުވަތަ ކޮންވީނިއަންސް ސްޓޯރެއް ހުޅުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު ލޮޓް 11441 ގައި ކަމަށެވެ. މިއީ މިހާރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުން ވާނެ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ބަޔާނުގައި ވާ ގޮތުން، ވިޔަފާރި ކުރުމަށް ޖުމްލަ 1726.74 އަކަ ފޫޓޫ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކުލަވާލާ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަސް އަހަރަށް ކުލީގެ ގޮތުގައި ބިޑެ ކުރެވޭނެ އެންމެ ކުޑަ އަގަކަށް ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 32 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި މީގެ އިތުރުން ކުއްޔަށް ނަގާ ފަރާތަށް 2 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ވަން އެވެނިއު ސަރަހައްދަކީ އަލަށް އާބާދުވަމުން އަންނަ، ކުރިއަށް ވަރަށް ބައިވަރު އިގްތިމާއީ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން އެ ސަރަހައްދުގައި ވިޔަފާރި ކުރުމަށް ހުޅުވާލި ފުރުސަތަކީ ވިޔަފާރިވެރިންނަށާއި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަރަށް މުހިންމު އަދި ކުރިމަހުގައި ވަރަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ވަނީ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ.