ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާތެރި، އާ ސްޓްރެއިންއެއް ފެނިފައިވާ އިނގިރޭސިވިލާތުން، ފަސެންޖަރުން ގޮވައިގެން ދަތުރު ކުރާ ފްލައިޓްތަކަށް ޖާގަ ދިނުން ވަގުތީ ގޮތުން ހުއްޓާލުމަށް ނެދަލަންޑްސްއިން ނިންމައިފިއެވެ.

ނެދަލަންޑްސްގެ ސަރުކާރުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މިކަން ތަންފީޒު ކުރާނެ ކަމަށެވެ. މަސްރަހު ބަދަލު ވަމުން އަންނަ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާ، ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ދަތުރުފަތުރު ކުރުމުގެ އިތުރު ދާއިރާތަކުގައި ފިޔަވަޅު އަޅަންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް ނެދަލަންޑްސް ސަރުކާރުން ބުނެއެވެ.

ނެދަލަންޑްސް އިން ބުނީ، ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ގައުމުން ނެގި ސާމްޕަލްއާ، އިނގިރޭސިވިލާތުން ފެނުނު އާ ސްޓްރެއިންއާ އެއް ގޮތް ކަމަށެވެ.

މިއާއެކު، ނެދަލަންޑްސްގެ ސަރުކާރުން ވަނީ ކޮންމެހެން ކުރަން މަޖުބޫރުވެގެން ނޫނީ ދަތުރު ނުކުރުމަށް ގޮވާލާ ޓްރެވެލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.

ނެދަލަންޑްސްއިން މިފަދަ ފިޔަވަޅެއް އަޅާފައި ވާއިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ އެ ގައުމުގެ ސައެންސްވެރިން، ހޮނިހިރު ދުވަހު ވަނީ، އާ ސްޓެރެއިން އަކީ އިންފެކްޝަސް ރޭޓް 70 ޕަސެންޓަށް އޮތް ސްޓްރެއިން އެއް ކަން ހާމަ ކުރައްވާފައެވެ.