މި ކުޑަ ރާއްޖޭގައި މަސައްކަތުގެ މާހައުލުން ބިދޭސީންނަށް އައީ އެތައް ދާއިރާތަކަކުން ޖާގަ ދެމުންނެވެ. ކެއްކިއަސް، ފެހިއަސް، ބޯ ކޮށިއަސް، ވިޔަފާރި ކުރިއަސް ބިދޭސީން ނުފެންނަ ދާއިރާއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އިގްތިސޯދީ ގޮތުން ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ބިދޭސީން މަސައްކަތް ކުރާތަން ފެނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން ވަނީ "އަތްގަދަ" ކޮށްފައެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މި އަހަރު މުޅި ދުނިޔެ ތަހައްމަލު ކުރި ކޮވިޑް ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސޯދު ވެސް އަނދަވަޅަކަށް ވެއްޓުނެވެ. މުޅި އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އެކި ކަހަލަ ފިޔަވަޅުތައް އަޅައި ވިޔަފާރީގައި ދިވެހިންނަށް އޮތް ފުރުސަތު ފަހި ކޮށްދިނުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުން ކުރި ހޯދައި އަނެއްކާވެސް ވިޔަފާރީގައި ބިދޭސީންގެ ދައުރު ފުޅާކޮށްލީ ދިވެހިން ބަލަބަލާ ތިއްބައެވެ.

މާލޭގައި ގަރާޖެއްހެން ހުރި ތަނެއްގައި މޭވާ އާއި ތަރުކާރީ ވިއްކާ މާރުކޭޓެއް ހަދާފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ލޯކަލް މާރުކޭޓުގެ ވިޔަފާރި ދަށަށް

މާލޭގެ ރަސްމީ މާރުކޭޓްތަކުގެ ގޮޅިތަކުގައި ބިދޭސީން "ރަސްކަން" ކުރި ވާހަކަ ވަނީ މާޒީވެފައެވެ. ދިވެހިންގެ އަތް ދަށުން ބީވެ އެތަނުގައި ބިދޭސީން "ރަސްކަން" ކުރަމުން ދަނިކޮށް ބާޒާރުމަތީގައި ހުރި ދެ މާރުކޭޓުގައި ވެސް ބިދޭސީންނަށް ނުތިބެވޭ ގޮތަށް ހަމަޖެއްސީ ސިޓީ ކައުންސިލުން ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައެވެ. އެހިސާބުން މާރުކޭޓުން "ފައްސާލި" ބިދޭސީންތައް ތަރުކާރީ އާއި މޭވާ ފޮށިގަނޑުތައް ހިފައިގެން އެރީ ރަށު ތެރެއަށެވެ.

"ގައުމު މިއޮތީ އިނދަ ޖެހިފަ. އެއީކީ ވަކި ސަރުކާރުގެ މައްސަލައެއް ނޫން. އަދި އަމިއްލަ ފަރުދުންގެ މައްސަލައެއް ވެސް ނޫން. އިންސާނުން ސަވައިވް ވުމަށްޓަކައި މަސައްކަތް ކުރާނެ. ކިހިނެއްތޯ ކޮވިޑަކީ ނާންނަ އެއްޗެއް ކަމަށް ބަލައިގެން އަޅުގަނޑުމެން އުޅޭނީ. މިތާ ބަޔަކު ބަނޑަށް ޖެހިއްޖެ. އެތައް ހާލެއްގަ އެބައުޅޭ."
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު

މާލެ ސަރަހައްދުގައި މޭވާ އާއި ތަރުކާރީ ވިއްކާ ތަންތަން ބިދޭސީން ހިންގަމުން ދާ މައްސަލައާ ގުޅިގެން މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ތެރޭގައި މިފަދަ ތަންތަން ބިދޭސީން ހިންގަނީ އެފަދަ ތަންތަން މާލެ މީހުން ބިދޭސީންނަށް ކުއްޔަށް ދޫކުރުމުން ކަމަށެވެ. އެއީ ކޮވިޑްގެ ހާލަތުގައި އެންމެން ވެސް ތިބީ ހާލުގައި ޖެހިފައި ކަމަށާއި، އަދި "ސަވައިވް" ވުމުގެ ގޮތުން ވިޔަފާރި ކުރުމަށް އެތަންތަން ބަޔަކަށް ދިނުމުގެ ގޮތުން ދިނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ތެރޭގައި މިފަދަ ތަންތަން ގިނަ ވުމުގެ ސަބަބުން ލޯކަލް މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ދަށްވާތީ އެކަމާ ގުޅޭ ގޮތުން ހުރި ޝަކުވާތަކަށް ރައްދު ދެއްވަމުން މޭޔަރު ޝިފާ ވިދާޅުވީ، ކޮވިޑްގެ މި ހާލަތުގައި އެއްވެސް މީހަކު ލޯކަލް މާރުކޭޓާ ހަމައަށް ބާޒާރު ކުރަން ނުދާނެ ކަމަށެވެ. ކޮވިޑްގެ ސަބަބުން ވިޔަފާރި ކުރުމަށް ބޮޑެތި ބަދަލުތަކެއް އަދި ހުރަސްތަކެއް އައި ކަމަށާއި ކުރިން ހާލަތު އޮތް ގޮތަށް އަދި ދެވެން ނެތް ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލޭގެ އެކި ހިސާބުތަކަށް ކަޅި ހިންގާލިއަސް މިހާރު ފެންނަނީ ކުދި ކުދި މާރުކޭޓް ގޮޅިތަކެވެ. މޭވާއާއި ތަރުކާރީ ވިއްކަން އަތުރައިގެން ތިބި ބިދޭސީންނެވެ. އެމީހުންނަށް މުދާ ލިބި އެތަނުގައި އަބަދުވެސް ފުރާ މުދާ ހުރެއެވެ. އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާއާއި ފަތްޕިލާވެލިން ވަށިގަނޑުތައް ހުންނަނީ ފުރާލާފައެވެ. އެހެންކަމުން މިހާރު މާރުކޭޓުގައި ހުންނަ ގޮޅިތަކުގައި ދިވެހިން ތިބި އިރު އެ ތަނުގައި ވިއްކަން ހުންނަ ބާވަތްތައް މަދުކަން ފާހަގަ ކުރެއެވެ. އަދި އެތަނަށް ވިޔަފާރި ކުރަން ދާ މީހުން ވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ.

ރަށްރަށުން މުދާ ގެންނަ ބިދޭސީން ވިއްކަނީ ވެސް ބިދޭސީންނަށް!

"ބަލާބަލަ މާލެތެރެ. އެތަން މިތަނުގައި އެ ހިންގަނީ ބިދޭސީން ހިންގާ މާރުކޭޓްތައް، ދެ އަނގޮޅި ދޭތެރޭގައާއި، ގަރާޖުތަކުގައި އާއި، ކަންކަންމަތީގައި ތިބެގެން އެ ވިއްކަނީ މޭވާތައް. ދެން ކޮން ވިޔަފާރިއެއް އަހަރުންނަށް ރަނގަޅުވާނީ. އަހަރެމެންނަށް މުދާ ކޮޅެއްވެސް ލިބެނީކީ ނޫން. އެމީހުން (ބިދޭސީން) މުދާ ވިއްކަނީ ވެސް އެމީހުންގެ ރަށު މީހުންނަށް (ބިދޭސީންނަށް)"
މާރުކޭޓު ގޮޅިއެއް ހިންގާ ދިވެއްސެއް

މުދާ މަދުން ހުންނާތީ އެކަމާ ގުޅިގެން މާރުކޭޓު ގޮޅިއެއް ހިނގާ މީހަކު ބުނީ، ބިދޭސީން އެ ގޮޅިތަކުން ބޭރުކޮށްލީމަ ވީ ފައިދާއެއް ނެތް ކަމަށެވެ. މާރުކޭޓަށް ތަކެތި ގަންނަން އަންނަ މީހުން މަދުކަން ފާހަގަކުރަމުން އެމީހާ ބުނީ މުދާ ލިބުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ.

އިތުރު ދިވެހި ވިޔަފާރިވެރިއަކު ބުނީ، އެމީހުންގެ ވިޔަފާރި ދަށަށް ދަނީ ހަމައެކަނި ބިދޭސީންގެ ސަބަބުންނޭ ބުނުމަކީ ގޯހެއް ކަމަށެވެ. ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށް ދެނީ ދިވެހިން ކަމަށް އޭނާ ބުނެއެވެ. ދިވެހިންގެ ނަމުގައި ތަންތަން ރަޖިސްޓްރީކޮށް ބިދޭސީން އެފަދަ މާރުކޭޓުތައް މާލެތެރޭ ހުޅުވާއިރު، ދިވެހިންނާއި މުއައްސަސާތަކުގެ ދައުރު އެކަމުގައި އެބަ އޮތް ކަމަށް އޭނާ ބުނެއެވެ.

މާލޭ ލޯކަލް މާރުކޭޓުގެ ދިވެއްސެއް ހިންގާ ގޮޅިއެއްގައި ހުރި މުދާތައް މަދުވެފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ރާއްޖޭގައި ހައްދާ ތަކެތި ހޯދުމުގައި ދަތިތަކެއް ހުންނަ ކަން ފާހަގަ ކުރަމުން މާރުކޭޓް ގޮޅިއެއް ހިންގާ ދިވެއްސަކު ބުނީ، މުދާ ހޯދަން ދޯނި ދަށަށް ދިވެއްސަކު ފޮނުވައިގެން ފައިދާއެއް ނުވާކަމަށެވެ. ރަށްރަށުގައި ދަނޑުވެރިކަމުގައި ބިދޭސީން އަތްގަދަކޮށްފައިވާ އިރު އެމީހުން މާލެއަށް ގެންނަ ތަކެތި ވިއްކަނީ އެމީހުންގެ ރަށު މީހުންނަށް ކަމަށެވެ. އަދި އެތަނަށް ބިދޭސީއެއް ފޮނުވައިފިއްޔާ ފަސޭހާއިން މުދާ ލިބޭ ކަމަށް އޭނާ ބުނެއެވެ. ފުވައްމުލަކުން އަނބު އަދި އައްޑޫއިން އަލަ ހޯދަން ކުރި މަސައްކަތުގައި ވެސް އޭނާއަށް ނާކިޔާބީއާ ކުރިމަތިވީ ބިދޭސީންގެ ދައުރު އެ ވިޔަފާރީގައި "ވަކި ހިއްޕާލާފައި" ހުރުމުން ކަމަށް އޭނާ ބުނެއެވެ.

ރަށްރަށުގައި ދަނޑުވެރިކަން ކުރުމުގައި ވެސް ބިދޭސީންގެ ދައުރު ފުޅާވެފައި އޮތުމުން އެމީހުން ހައްދާ ތަކެތި މާލެއަށް ގެނެސް ވިއްކުމުގައި ވެސް އިސްކަމެއް ދީ "ޑީލް" ހަދާލަނީ އެމީހުންގެ ރަށު މީހުންނަށެވެ. ބަންގާޅުންގެ ވިޔަފާރި ފުޅާކުރަން އެމީހުންގެ ޕްލޭން ވަރަށް ވެސް ކާމިޔާބެވެ. ރަށްރަށުން ގެންނަ ގިނަ ތަކެތި މާރުކޭޓުގައި ދިވެހިން ހިންގާ ގޮޅިތަކަަކަށް ނުލިބި، އެ ތަކެތިން ފުރާލަނީ ބިދޭސީން ރަށުތެރޭގައި މިހާރު ހިންގަމުންދާ މާރުކޭޓު ގޮޅިތަކުގައި ހުންނަ ވަށިގަނޑުތަކެވެ. މި ވިޔަފާރިން ރަނގަޅު އާމްދަނީއެއް އެމީހުން ހޯދަނީ މިހެންނެވެ.

މާލޭ ލޯކަލް މާރުކޭޓުގެ ދިވެއްސެއް ހިންގާ ގޮޅިއެއްގައި ހުރި މުދާތައް މަދުވެފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް
"ދަނޑުވެރިކަމުން މިހާރު އެހާ ރަނގަޅު އާމްދަނީއެއް ނުލިބޭ. ހައްދާ ތަކެތި މާލެއަށް ފޮނުވާލަނީ. ދިވެއްސެއް މެދުވެރިކޮށް މުދާ މާލެއަށް ފިނުވާލަނީ. ދެން މުދާކޮޅު ވިއްކާފައި އޭނާއަށް ކުޑަ ޕަސެންޓެއް ނަގާފަ އަހަރެންނަށް ފައިސާ ދޭނެ. މާރުކޭޓު ގޮޅިއަށް މި ތަކެތި ގެންދިޔަޔަސް އެހާ ރަނގަޅަށް އެތަނުގައި ވިޔަފާރި ނުވަންޏާ ފައިދާއެއް ނުވާނެ ދޯ."
ކ. ކާށިދޫގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިއެއް

ރަށްރަށުގައި ދަނޑުވެރިކަން ކުރާ ގިނަ މީހުންނަށް އެ މަސައްކަތުގައި އަތް ގާތް ކޮށްދިނުމަށް ބިދޭސީން ގެންގުޅޭ ކަމަށް ރަށްރަށުގައި ދިރިއުޅޭ މިހުންނާއި ކައުންސިލް ތަކުންވެސް ބުނެއެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ދިވެއްސެއް ބުނީ އޭނާ ދަނޑުވެރިކަން ކުރުމުގައި ތިން ވަރަކަށް ބިދޭސީން ގެންގުޅޭ ކަމަށެވެ. އިތުރު ބަޔަކު އެކަމުގައި ޝާމިލް ނުވާ ކަމަށެވެ.

ރަށްރަށުން ހައްދާ މޭވާއާއި ތަރުކާރީ މާލޭގެ މާރުކޭޓަށް ކަނޑުމަގުން ގެނައުމުގައި ބިދޭސީން އުޅުނަސް މި މަސައްކަތުގައި އަދިވެސް ބައެއް ދިވެހިން އުޅޭ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދިވެހިން ގެންނަ ތަކެތި މާރުކޭޓުގައި ހުންނަ ގޮޅިތަކަށް ލިބޭ ކަމަށް މާރުކޭޓު ގޮޅި ހިންގާ ބައެއް މީހުން ބުނެއެވެ.

މަޖީދީ މަގުގައި ހުރި "ޝަހަރު މާރުކޭޓު" ގެ ގޮޅިތަކުގައި ސޭޓުކަން ކުރަން ތިބީ ހުސް ބިދޭސީން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މާލެތެރޭގައި ހިންގާ މޭވާ ވިއްކާ ތަންތަނުގެ ތެރެއިން 24 ތަނެއް ޖޫރިމަނާ ކުރި!

ލޯކަލް މާރުކޭޓުގައި ތިބި ބިދޭސީން ފައްސާލުމުން މީގެ ތިން މަސްކުރިން މާލެތެރޭގައި ހުޅުވި މޭވާއާއި ތަރުކާރީ ވިއްކާ ތަންތަނުގެ ތެރެއިން ބައެއް ތަންތަން ވަނީ މިހާރު ބަންދުކޮށްފައެވެ. އެއީ ޓްރޭޑް މިނިސްޓްރީން އިއުލާން ކުރި އުސޫލަށް ނުފެތިގެން ބަންދު ކުރި ތަންތަނެވެ. ނަމަވެސް އެ އުސޫލާ އެއްގޮތަށް ރެޖިސްޓާކޮށްގެން ހިންގާ ތަންތަން އަދިވެސް އެބަ ހުއްޓެވެ. ދިވެއްސެއްގެ ނަމުގައި ތަން ރެޖިސްޓާ ކޮށްފައި ހުއްޓަސް މިތަންތަނުގައި މަސައްކަތް ކޮށް ވިޔަފާރި ހިންގުމުގައި މަސައްކަތް ކުރަނީ މުޅިން ވެސް ބިދޭސީންނެވެ.

ގަވާއިދާ ހިލާފަށް މާލޭގައި މޭވާ ވިއްކާ ތަންތަން ބަލައި އިންސްޕެކްޝަން ހިންގި އިކޮނޮމިކް މިނިސްޓްރީން ބުނީ، މިހާތަނަށް ކުރި އިންސްޕެކްޝަންގައި 49 މާރުކޭޓު ފަދަ ފިހާރައާއި 2 ސްޓޯލަށް ވުރެ ގިނަ ސްޓޯލް ހުންނަ މާރުކޭޓުގެ ތެރެއިން 8 ތަނެއް ބަލާފައިވާ ކަަމަށެވެ. އެ ގޮތުން އެ 8 މާރުކޭޓުން ޖުމްލަ 222 ސްޓޯލެއް އެ އިންސްޕެކްޝަންގެ ތެރެއިން ބަލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ އިންސްޕެކްޝަންގެ ތެރެއިން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީން ކުރުމުގެ ގަވާއިދާ އެއް ގޮތް ވާ ގޮތުގެ މަތިން ކަންކަން ރަނގަޅު ކުރުމަށް 222 ތަނަކަށް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އިންސްޕެކްޝަން ހިންގި އިރު އެފަދަ ތަންތަން ރަޖިސްޓްރީ ނުކޮށް ހިންގަމުންދާތީ 10،000 ރުފިޔާއިން 24 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލޭގެ މަޖީދީ މަގުގައި ބިދޭސީއަކު މޭވާ ވިއްކަން ހުރި ކުޑަ ގޮޅިއެއް / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ގަވާއިދު އިއުލާން ކޮށް 30 ދުވަހުގެ މުއްދަތަކަށް ފަހު އިންސްޕެކްޝަން ހިންގި އިރު މާލެ ތެރޭގައި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ހިންގަމުން ދިޔައީ އެންމެ ތަނެއް ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ފަރާތްތަކަށް ނަސޭހަތް ދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް މި އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށާއި ގަވާއިދާ ހިލާފަށް ހިންގާ ނަމަ ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަންކަމަކީ ވަރަށް ޒަމާނުއްސުރެ އުފެދިފަ ހުރި ކަންކަން. އަޅުގަނޑުމެންނަށް އެއްފަހަރާ ނުކުމެ ބިންދާލެވޭ ވަރެއް ނުވޭ. އެހެންވެ އަޅުގަނޑުމެން މި ދަނީ ފަހަރަކު ސްޓެޕެއް އަޅަމުން. އެއީ އަޅުގަނޑުމެންގެ ރިސޯސްވެސް ހުންނަ ވަރަކުން ކަންކަން ކުރިއަށް ގެންދެވޭނީ."
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ބިދޭސީން ހިންގާ މިފަދަ ކޮންމެ ތަނެއްވެސް ރަޖިސްޓާ ކޮށްފައި ހުންނަނީ ދިވެއްސެއްގެ ނަމުގައި ކަމަށް ވާތީ އެއީ ބިދޭސީން ހިންގާ ތަންތަން ކަމަށް ވިދާޅުވެވެން ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާ ނަމަ އެ ތަނެއް ޖޫރިމަނާ ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ލޯކަލް ވިޔަފާރިތައް ބިދޭސީންގެ އަތްދަށަށް ދިއުމުގެ މައްސަލައަކީ ވަރަށް ދުވަސްވީ މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލެއް ހޯއްދަވައި ދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ވިޔަފާރިތައް މަދު ބިދޭސީންތަކެއްގެ އަތްމައްޗަށް ދޫކޮށްލައި އެކަމުގެ ސަބަބުން ދިވެހިންގެ ޖީބަށް އުނދަގޫވާ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ. ރަށުތެރެއިން ހެޔޮ އަގެއްގައި ތަރުކާރީއާއި މޭވާ ލިބެން ހުންނަ ކަމަށް ވާނަމަ މާރުކޭޓާ ހަމައަށް "ބޭން ޖަހާފައި" ނުވަތަ ދުއްވާ އުޅަނދެއްގައި މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން ދާނީ ވަކި ކާކު ހެއްޔެވެ. އެހެންކަމުން ސީޓީ ކައުންސިލުން އެޅި ފިޔަވަޅާ އެކު މާރުކޭޓުން ފައްސާލި ބިދޭސީންނަށް ވިޔަފާރީގައި ލިބުނީ ކުރި އެރުމެކެވެ. މާރުކޭޓު ގޯޅީގައި ތިބި ދިވެހިންނަށް ލިބުނީ ސުމެއް ނޫން ހެއްޔެވެ.