ރާއްޖެއަށް ލިބޭ އެހީ ހެޔޮ ގޮތުގައި ފޯރުކޮށް ދިނުމަށާއި، ފަތުރުވެރިކަން ކުރިއަރުވާ، ވިޔަފާރި ފުޅާކޮށް، އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރަށް ފަހި ކުރުމުގެ "އޭޖެންޓުންގެ" ގޮތުގައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ ވުޒާރާތަކާ، އެމްބަސީތަކުން ހަރަކާތްތެރި ދައުރެއް، ދިވެހި ހާރިޖިއްޔާއިން އަދާ ކުރާނެ ކަމުގެ ޔަގީން ކަން، މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް، އިބްރާހީމް ހަލީލު ދެއްވައިފިއެވެ.

ދިވެހި ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު މިފަދަ ރޫހެއްގައި ވާހަކަ ދައްކަވާފައި މި ވަނީ، ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީއާއެކު ކޯ-ހޮސްޓް ކުރި އިންވެސްޓްމަންޓް ވެބިނާގައެވެ.

ޖަޕާނުގެ އިގުތިސޯދާ ބެހޭ ވުޒާރާ (މެޓީ) އާއި ޖަޕާނުގެ އެކްސްޓާނަލް ޓްރޭޑް އިންޑަސްޓްރީ (ޖެޓްރޯ) ގެ ހިއްސާއާއެކު ކުރިއަށް ގެންދިޔަ ވެބިނާގައި، 100 އަށްވުރެ ގިނަ އިވެންސްޓަރުން ބައިވެރިވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާ، މަސްވެރިކަމާ ބެހޭ ވުޒާރާ އަދި މެރިން ރިސޯސްއާއި ދަނޑުވެރިކަމުގެ ދާއިރާއިން ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުންގެ ނައިބުންގެ ފެންވަރުގެ އިސްވެރިންގެ މި ވެބިނާގައި ބައިވެރިވެވަޑައިގަތް ކަމަށް ދިވެހި ސަރުކާރުން މައުލޫމާތު ދެއެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކުރި ބައެއް އެއްގަމު އުޅަނދު / ފައިލް ފޮޓޯ: ޓްވިޓާ

ގައުމު ނަގަހައްޓާ، އާރާސްތު ކުރުމުގެ އަމާޒުތައް ރާވާފައިވާ ގޮތާއި، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން، މި ވެބިނާގައި ދިވެހިރާއްޖޭގެ ފަރާތުން މައުލޫމާތު ހިއްސާކޮށްފައި ވާ ކަމަށްވެސް ދިވެހި ސަރުކާރުން ހަބަރު ދެއެވެ.

ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ކުރިއަށް ގެންދިޔަ މި ވެބިނާއަކީ ގައުމު އާރާސްތު ކުރުމުގެ ރޫހުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަންވެސް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ.

މި ވެބިނާގައި ވާހަކަދައްކަވަމުން ދިވެހި ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު ހަލީލު ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަނެ، ގައުމު އާރާސްތު ކުރުމުގެ މަސައްކަތާ ކުރިމަތިލާއިރު، މިކަމަށް އިންތިހާއަށް ބޭނުންވާ ވަސީލަތްތައް ހޯދާ، ފޯރުކޮށްދިނުމުގައި، ގައުމުން ބޭރުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާ ގުޅިގެން ހަރަކާތްތެރި އޮޕަރޭޝަނެއް ހިންގުމަށް ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައިގެން ކުރައްވާ މުހިންމު މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއާއެކު، ދިވެހިރާއްޖެއަށް، ޖަޕާނު ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީއަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމަ މި ރޫހުގައި ހަލީލު ވަނީ، އިގުތިސޯދީ ގޮތުން ރާއްޖެ އާރާސްތުކޮށް ނެގެހެއްޓުމުގައި، ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތް ފާހަގަ ކުރައްވާފައި ކަމަށްވެސް ދިވެހި ސަރުކާރުން މައުލޫމާތު ދެއެވެ.

ޖަޕާނަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި އިގުތިސޯދީ ކާރިސީގައި، ބަޖެޓް ސަޕޯޓާއި ކޮންސެޝަނަލް ގްރާންޓް ލޯންގެ ގޮތުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ ގައުމެކެވެ.