ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ މައްސަލައިގައި ސަރުކާރަށް ނިސްބަތްވާ މީހުންނަށް ކޮށްފައިވާ ތުހުމަތުތައް ނުބަލާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފައިވާކަން މިއަދު ހާމަ ކުރުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ތެރެއިން މި ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާ ކަމަށެވެ.

އަދި ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ މައްސަލަތައް ކުރިއަށް ގެންދިއުމުން ދޭހަވަނީ ގާނޫނުގައި ބަޔާންކުރާ އަދުލުވެރި ކަމާއި އިންސާފައެކު ހިނގާ ވެރިކަމެއް ރާއްޖޭގައި ގާއިމް ނުކުރެވޭކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ތެރެއިން މި ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާ، އެ ނޫން ފަރާތްތަކެއްގެ މައްސަލަތައް ކުރިއަށް ގެންދިއުމުން ދޭހަވަނީ ގާނޫނުގައި ބަޔާންކުރާ އަދުލުވެރި، އިންސާފައެކު ވެރިކަމެއް ރާއްޖޭގައި ގާއިމް ނުކުރެވޭކަން
އާދަމް ޝަރީފް

ނިހާންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު އިއްޔެ ފުލުހުން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ނިހާންއަށް ރާއްޖޭއިން ބޭރަށް ފުރުން މަނާކޮށްފައިވާކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާން ވަނީ މިދިޔަ އޮކްޓޯބަރު މަހު، ދެފަހަރެއްގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުވެސް ކޮށްފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރާއި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ހިމެނޭ ގޮތުން ގިނަ ބަޔަކަށް މަންފާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ބައެއް ހިޔާނާތާ ގުޅިގެން މިހާތަނަށް 3 ބޭފުޅަކަށް ދައުވާއެއް ކޮށް ހުކުމް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.