އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިމި އޭނާގެ މައްޗަށް ދައުވާ އުފުލަން އެދި ޕީޖީ އޮފީހަށް މީގެ ދެ ދުވަހެއްވަރު ކުރިން ވަނީ ފޮނުވާފައެވެ.

ނިހާންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު އިއްޔެ ފުލުހުން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ނިހާންއަށް ރާއްޖޭއިން ބޭރަށް ފުރުން މަނާކޮށްފައިވާކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާން ވަނީ މިދިޔަ އޮކްޓޯބަރު މަހު، ދެފަހަރެއްގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުވެސް ކޮށްފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ނިހާނުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ކޮމިޝަނަށް ހާޒިރު ކުރިއެވެ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަތަކެއްގައި އަޖީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެހިޔާނާތާ ގުޅިގެން ޔާމީނު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެކަން އެ ކޮމިޝަނުންވެސް ޔަގީން ކޮށްދެއެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރާއި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ހިމެނޭ ގޮތުން ގިނަ ބަޔަކަށް މަންފާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ބައެއް ހިޔާނާތާ ގުޅިގެން މިހާތަނަށް 3 ބޭފުޅަކަށް ދައުވާއެއް ކޮށް ހުކުމް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.