ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމެންޓް" ދަށުން ތަރައްގީ ކުރުމަށް ކުރިން މެގަ އިންފްރާ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓް، ޑީޑް އޮފް އެސްއިންމެންޓްގެ ދަށުން ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ތަރައްގީ ކުރުމަށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވަނީ މިކަމަށް ހާއްސަކޮށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގް އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝުހެއިލް އަހްމަދެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސް އަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މެދުގައި އުފައްދައިފާވާ ޖޮއިންޓް ވެންޗާ ކުންފުންޔެކެވެ.

މިޑްރޭންޖް ހައުސިން އަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ ދަށުން 162 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. 24 މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް މިޑްރޭންޖް ހައުސިން އަށް ހާއްސަ ކުރިއަސް ލަގްޒަރީ ޕްރޮޕަޓީ އަކުން ލިބޭނެ ސުވިމިންގެ ޕޫލް، ޖިމް ފަދަ ގިނަ ވަސީލަތްތައް، ހިމެނިގެންދާނެ ކަމަށް ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މާޒިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ، ހުރިހައި ފަންތިއަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ކުރިމަގުގައި އިތުރުކޮށް، އެފަދަ މަޝްރޫއުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހި ކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ވެސް އެކި ފަންތިތަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކޯޕަރޭޝާނުން ބުނެއެވެ.

ހަމައެއާއެކު، "ކޯ ލިވިން" ކޮންސެޕްޓުގައި ވަޒީފާ އަދާކުރުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުންނާއި ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ހާއްސަކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައި ވާ ކަން އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ.