"ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމައިފައިވާ ކަމަށް ހުޅުމާލެ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކުނި ގިނަވެފައިވާ ސަރަހައްދުތައް އެކި އެކި މުއްސަސާތަކާ ގުޅިގެން ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅާ، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލަކުރުމަށާއި އަހުލުވެރިކުރުމަށް ހިންގޭ ހަރަކާތެއް ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.

އެގޮތުން މީހުން ދިރިއުޅޭ 40 ސަރަޙައްދެއްގައި އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތުގައި އެޗްޑީސީގެ މުވައްޒަފުންގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތރިވަމުންދާ ގިނަ ސަރުކާރު މުއައްސަސާތަކާއި، އެންޖީއޯ އަދި ކުންފުނިތަކުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ހުޅުމާލޭގެ "ރުއްގަނޑު 1" ސަރަޙައްދުގައި އެ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ "ސާފު ހުޅުމާލެ" ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ.