ހއ ކެލާ އިން ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރަން ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އެއް ގެއެއްގައި ހޯމް ކަރަންޓީން ގައި ހުރި 7 މީހެއްގެ ތެރެއިން ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.

މީގެ ކުރިންވެސް ކެލައިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ކޭސް އެއް ފެނިފައި ވަނީ މި ދިޔަ މަހުގެ 29 ވަނަ ދުވަހެވެ.

އިއްޔެ ރާއްޖޭއިން 20 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވި 20 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 15 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 2 މީހަކާއި ހިންގަމުން ދާ ރިސޯޓު ތަކުން ޕޮޒިޓިވް ވި އެކަކުގެ އިތުރުން ރާއްޖެއިން ބޭރުން ޕޮޒިޓިވް ވި މީހެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،368 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 47 މީހަކު ރަނގަޅު ވެފައި ވާއިރު ބަލިން ރަނގަޅު ވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،706 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 48 އަށް އަރާފައެވެ. އެއީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 48 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.