ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖެނުއަރީ 27، 2018 ވަނަ ދުވަހު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން ފާރިސްގެ ފަރާތުން އެ ހައްޔަރު އަމުރު އިސްތިއުނާފު ކުރި މައްސަލަ މެއި 15، 2018ގައި ހައިކޯޓުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެ މައްސަލައިގެ ހުކުމް ހައިކޯޓުން މިއަދު ކޮށްފައިވާއިރު ހައިކޯޓުން ބުނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް އެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް އެ ގަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފައިވާ ކަމަށެވެ.

ފާރިސްގެ ފަރާތުން ހަތް ނުކުތާއެއް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 204 ވަނަ މާއްދާއާ ހިލާފަށް އަމުރު ނެރެފައިވާ ކަމަށާއި ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ އުސޫލާ ހިލާފަށް އަމުރެއް ނެރެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާ ހިލާފަށް އަމުރު ނެރެފައިވާ ކަމަށާއި ހައްޔަރު އަމުރަށް އެދި ޕީޖީގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި، ހައްޔަރު އަމުރަށް އެދި ހުށަހެޅި ލިޔުންތައް އެކަށީގެންވާ ގޮތެއްގައި ވަޒަން ކުރައްވާފައިނުވާތީ އަމުރު ނެރުމުގައި ގާނޫނާ ހިލާފުވާ ކަމަށް ހައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ހައްޔަރު އަމުރަށް އެދި ޕީޖީގެ ފަރާތުން ކުށެއްގެ ތުހުމަތު ބިނާވާ ފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިނުވާތީ އަމުރު ނެރުމުގައި ގާނޫނު އަސާސީ އާ ހިލާފުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ހައްޔަރު އަމުރު ނެރެފައިވަނީ ޟަރޫރަތެއް ނެތް ހާލަތުގައި ކަމަށްވާތީ ހައްޔަރުކުރުމުގެ އަމުރު ގާނޫނު އަސާސީގެ 57 ވަނަ މާއްދާއާ 143 ވަނަ މާއްދާގެ (ރ) އާ ހިލާފުވުމާ ކަމަށާއި މީހެއް ބަންދު ކުރުމުގައި ރިއާޔަތްކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތް ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެެ.

މިމައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު އަބްދުﷲ ހަމިދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.