ޓައިމް މެގަޒިންއިން ހޮވާ "އަހަރުގެ ޝަހްސު" ނުވަތަ "ޕާސަން އޮފް ދަ އިޔާ"ގެ ޝަރަފު، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންއަށް ދީފިއެވެ.

ޓައިމް މެގަޒިން އިން ވަނީ، މި ޝަރަފު، ބައިޑަންގެ ރަނިންގް މޭޓު އަދި އިންތިހާބީ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ބައިވެރިކޮށްފައެވެ.

ޓައިމް މެގަޒިންގެ އެޑިޓާ އިން ޗީފް އެޑްވާޑް ފެލްސެންތަލް ބުނީ ބައިޑަންއާއި ހެރިސްއަށް މި ޝަރަފު ދިނީ، ރުޅިވެރިކަމާއި ބައިބައިވުމުގެ މައްޗަށް ހަމްދަރުދީ އިސްކޮށް، ދުނިޔެއަށް "ފަރުވާ" އެއް ހޯދާ ދެއްވުމުގައި އެ ދެ ޝަހްސުން ގެންގުޅުއްވާ ތަސައްވުރެގެ ސަބަބުންނެވެ.

އެމެރިކާގެ ކުރީގެ ފްރައީސް ފްރޭންކްލިން ޑި ރޫޒަވެލްޓްގެ ޒައާމަތުން ފެށިގެން، ވެރިކަމުގައި ހުންނަވާ ކޮންމެ ރައީސަކުވެސް ޓައިމް މެގަޒިންގެ ޕާސަން އޮފް ދަ އިޔާގެ ޝަރަފު ކަށަވަރު ކުރައްވައެވެ. ގާތްގަނޑަކަށް 12 ވަރަކަށް ރައީސުން މި ޝަރަފު ކަށަވަރު ކުރެއްވީ އިންތިހާބީ އަހަރެއްގައެވެ. މިއީ މި ޝަރަފުގައި ނައިބު ރައިސަކު ހިމެނުނު ފުރަތަމަ ފަހަރު ކަން ޓައިމް މެގަޒިންގެ އެޑިޓާ އިން ޗީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ޓައިމް މެގަޒިންގެ "ޕާސަން އޮފް ދަ އިއާ" ޓައިޓަލްއަށް ވާދަ ކުރެއްވި އިތުރު ކެންޑިޑޭޓުންގެ ތެރޭގައި، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފެއިލްވެވަޑައިގެންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ ހިމެނިވަޑައިގަންނަވައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ޓައިމް މެގަޒިން އިން ހޮވާ "އެންޓަޓެއިނާ އޮފް ދަ އިޔާ"ގެ ޝަރަފު ދީފައި ވަނީ ދެކުނު ކޮރެއާގެ ޒުވާން ބޭންޑް "ބީޓީއެސް" އަށް ކަމަށްވާއިރު، "އެތުލީޓް އޮފް ދަ އިޔާ"ގެ އެވޯޑް ދީފައި ވަނީ އެލް އޭ ލޭކާޒްގެ ތަރި ލެބްރޯން ޖޭމްސްއަށެވެ.