މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ބުނީ މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައި ކަމަށެވެ.

އެގޮތުން މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ހުރި ކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަން ޖެހުމުން މަސްވެރި އާއިލާތައް ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ސަރުކާރަށް 2 އަހަރު ވީއިރު މަސްވެރިންވަނީ އިތުރަށް ނިކަމެތިވެފައެވެ. ގޭދޮށު މަސްފެކްޓްރީއެއް އަދި ނެތެވެ.
އިދިކޮޅު

އިދިކޮޅުން އިތުރަށް ބުނީ މަސްވެރިންގެ ޕްލެޓްފޯމް ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާއަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.

އެހެންކަމުން މަސްވެރިންގެ ހައްގު ހޯދުމަށާއި މަހަށް ހަމަ އަގު ހޯދުމަށް މިއަދު ބޮޑު ކަންނެލި މަސްވެރިންގެ ޖަމްއިއްޔާއިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިންނާއި އެގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށްވެފައިވާ ވައުދުތައް ފުއްދާދިނުން އަވަސް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅުން ވަނީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާޢަތުގައިހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ކިޔާފައެވެ. އަދި މިއަދު އިފްތިތާހު ކުރެވުނު ބޮޑު ކަންނެލި މަސްވެރިންގެ ޖަމްއިއްޔާއަށް ވަނީ މަރުހަބާ ކިޔާފައެވެ.