ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަނެކާއާއި ތިބާގެ އަމިއްލަ ރައްކާތެރިކަން ހޯދުމަށް މިވަގުތު ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ފޭސްމާސްކެވެ. ތާރީހު ދެކެފައި ނުވާފަދަ ދަރަޖައަކަށް ފޭސްމާސްކުގެ ބޭނުން އަދުގެ ދުނިޔެއަށް ޖެހިފައިވާއިރު، އިށީނދެ ހަދާލަން ބޭނުން ކުރެވޭ ވަރުގެ ގޮނޑިއެއް ތައްޔާރު ކުރުމަށް، އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ފޭސްމާސްކުގެ ކިތައް މާސްކު ބޭނުންވާނެ ކަން އެނގޭ ހެއްޔެވެ؟

ކިމް ހާ-ނުއެލް އަތުގައި ޖަވާބު އެބައޮތެވެ. އެއީ 1500 ފޭސްމާސްކެވެ.

ބޭނުން ކުރުމަށްފަހު އުކާލާ މާސްކު ބޭނުން ކޮށްގެން ދެކުނު ކޮރެއާގެ ކިމް ހާ-ނުއެލް ތައްޔާރު ކުރާ ގޮނޑި / ފޮޓޯ: ރޮއިޓާޒް

ކިމް އަކީ، ފަރުނީޗަރު ފަރުމާ ކުރުމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ޒުވާނެކެވެ. ދެކުނު ކޮރެއާއަށް ނިސްބަތްވާ ކިމްއަކީ، ކޮވިޑް-19އާއެކު އުފެދެން ފެށި ފޭސްމާސްކުގެ ކުނިފަރުބަދައިގެ މައްސަލާގައި ކަންބޮޑުވާން ނީނދެ، އެކަމަށް ބިނާކުރަނިވި ހައްލެއް ހޯދުމުގެ އަމަލީ މަސައްކަތް ފަށާ، އެކަން ކާމިޔާބު ކުރި ޒުވާނެކެވެ.

އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ގިނަ ފޭސްމާސްކު އުފައްދާފައިވަނީ ޕޮލީޕްރޮޕިލީން ނުވަތަ ޕްލާސްޓިކުންނެވެ. ވީއިރު، އަލުން ނުކުރެވޭނެ ސަބަބެއް ނެތްތާއެވެ. ނަމަވެސް، މި މާސްކުތަކަކީ އޭގެ ޒާތުގައި ފުރާނައަށް އިންތިހާއަށް ގެއްލުނެދެނިވި މާސްކުތަކެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އެހެނީ، އެއީ ބޭނުން ކޮށްފައިވާ މާސްކުތަކަކަށް ވާތީއެވެ.

ބޭނުން ކުރުމަށްފަހު އުކާލާ މާސްކު ބޭނުން ކޮށްގެން ދެކުނު ކޮރެއާގެ ކިމް ހާ-ނުއެލް ގޮނޑި ތައްޔާރު ކުރަނީ / ފޮޓޯ: ރޮއިޓާޒް

އުމުރުން 23 އަހަރުގެ ކިމް ހޯދީ އީޖާދީ ހައްލެކެވެ. އުކާލާފައި ހުންނަ ފޭސްމާސްކު ބޭނުންކޮށްގެން ކިމް ފަރުނީޗަރު އުފައްދަނީ، އެ މާސްކުތައް އަންދާ، ބަރިބަރިއަށް ޖަހާ ވަރުގަދަ ކޮށްގެންނެވެ.

އެއީ މިއަހަރުގެ ޖޫން މަހެވެ. އޭނާ ތައުލީމު ހާސިލު ކުރަމުން ދާ ކޭވޯން ޔުނިވާސިޓީ އޮފް އާޓް އެންޑް ޑިޒައިންގައި ކިމް ފޮއްޓެއް ބެހެއްޓިއެވެ. ބޭނުންކޮށްފައި އުކާލާ މާސްކު އެޅުމަށެވެ. މި ފޮށިން އޭނާއަށް 10000 މާސްކު ލިބުނެވެ. އަދި ހަލާކުވެގެން ފެކްޓްރީއަކުން އުކާލި ޓަނަކަށް ވުރެ ގިނަ މާސްކުވެސް އޭނާއަށް ލިބުނެވެ.

ބޭނުން ކުރުމަށްފަހު އުކާލާ މާސްކު ބޭނުން ކޮށްގެން ދެކުނު ކޮރެއާގެ ކިމް ހާ-ނުއެލް ތައްޔާރު ކުރާ ގޮނޑި / ފޮޓޯ: ރޮއިޓާޒް

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިދާނެ ކަމަށް ބަލާ، 4 ދުވަސް ވަންދެން ހާއްސަ ގުދަނެއްގައި އެ މާސްކުތައް ބެހެއްޓިއެވެ. އެއަށްފަހު މާސްކުގައިވާ އިލާސްޓިކް ފަށާ، ނޭފަތް މައްޗަށް ވާގޮތަށް އޮންނަ ފަތިކޮޅު ނަގައެވެ. އަދި ހާއްސަ ތައްގަނޑެއްގެ މަތީގައި ބާއްވައިގެން، ހޫނުކުރާ ބަޑިއަކުން އެ މާސްކަށް ހޫނުކޮށް، ވިރުވާލައެވެ.

ނަތީޖާއަކީ 3 ފައި ޖެހި ގޮނޑިއެކެވެ. ހުދު، ފިޔާތޮށި، ނޫ އަދި ކަޅުކުލައިގެ މާސްކުތަކުން ކިމް އުފެއްދި ގޮނޑިތައް އޭނާ ދައްކާލީ، ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

ބޭނުން ކުރުމަށްފަހު އުކާލާ މާސްކު ބޭނުން ކޮށްގެން ދެކުނު ކޮރެއާގެ ކިމް ހާ-ނުއެލް، އޭނާ ތައްޔާރު ކުރާ ގޮނޑީގައި / ފޮޓޯ: ރޮއިޓާޒް

ކިމް މިހާރު އަމާޒު ހިފާފައި ވަނީ، އުކާލާ މާސްކު ބޭނުން ކޮށްގެން މޭޒާއި ބޮކި ފަދަ ތަކެތި އުފެއްދުމަށެވެ. އަދި އުކާލާ މާސްކު އެއް ކުރުމަށް ވަކި ތަންތަނެއް ހާއްސަ ކުރުމަށް އޭޢނާ ވަނީ ދެކުނު ކޮރެއާގެ ސަރުކާރާއި ޕްރައިވެޓް ކުންފުނިތަކަށްވެސް ގޮވާލާފައެވެ.

ދެކުނު ކޮރެއާގެ ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އެކަނިވެސް، އެތެރޭގެ ބޭނުންތަކަށް 1 ބިލިއަނަށް ވުރެ ގިނަ ފޭސްމާސްކު އެ ގައުމުގައި ވަނީ އުފައްދާފައެވެ.

ކިމްއާއެކު ކިއެވި ބައެއް ދަރިވަރުން ބުނާ ގޮތުގައި މި ގޮނޑިތަކަކީ، ކޮވިޑް-19ގެ ހަނދާނީ ތަރިކައެކެވެ.