ނިމިގެން މިދާ 2020 ވަނަ އަހަރަކީ އިންޑިއާއާއި ޗައިނާގެ ހީނަރު ގުޅުމަށް އިންތިހާ ގެއްލުންތަކަކާ ކުރިމަތިވި އަހަރެއް ކަމަށް، އިންޑިއާގެ ހާރިޖީ ވަޒީރު، އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ގަލްވާން ވާދީގައި ހިނގާދިޔަ ހާދިސާއާއި، ދޭދޭ ގައުމު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްމުން އަންނަ މަސްރަހުގެ ސަބަބުން، އިންޑިއާއާއި ޗައިނާގެ ގުޅުމާ މެދު އެ ގައުމުން ދެކެމުން އަންނަ ގޮތާ، އިޖާބައަށް ހީނަރު ބަދަލުތަކެއް އައިސްފައި ވާ ކަމަށްވެސް ޖައިޝަންކަރު ވަނީ އިޝާރާތް ކުރައްވާފައެވެ.

ގަލްވާން ވާދީ ސަރަހައްދުގައި ޗައިނާއިން ހިންގި ހަރަކާތްތަކުގެ ސަބަބުން، އިންޑިއާ އަސްކަރިއްޔާގެ 20 މެމްބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސަރަހައްދީ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާ (ވ) އަދި ޗައިނާގެ އަސްކަރީ އޮފިސަރުންތަކެއް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: ޓީއޯއައި

މިކަމަށް އިޝާރާތް ކުރައްވާ، ވާޗުއަލް އިވެންޓެއްގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއާއި ޗައިނާގެ ގުޅުން މީހާރު އޮތީ، ފާއިތުވީ 30 ނުވަތަ 40 އަހަރަށް ބަލާއިރުވެސް ވެއްޓިފައި ނުވާފަދަ ދަތި އުނދަގޫ ފައްތަރެއްގައި ކަމަށެވެ. އިންޑިއާއައި ޗައިނާއިން އަސްކަރީ ކުރިމަތިލުމަކަށް އެންމެ ފަހުން ދިޔައީ 1975 ވަނަ އަހަރުއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ ގުޅުން އިންތިހާއަށް ހީނަރުވާން ފެށީ، ދެ ގައުމު ހިއްސާ ކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރު ސަރަހައްދުގައި، ޗައިނާގެ އަސްކަރިއްޔާއިން، މިއަހަރުގެ މާޗް-އޭޕްރިލް ހިސާބުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަން ފެށުމުންނެވެ. ޗައިނާގެ އަސްކަރިއްޔާއިން އަދިވެސް އިރުމަތީ ލަދަކް ސަރަހައްދު ދޫކޮށް ނުދާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބޯޑަރު ސަރަހައްދުގައި ނުތަނަވަސް ވަމުން އަންނަ މަސްރަހަށް ރިއާޔަތް ޗައިނާއިން 5 ގޮތަކަށް ކަންކަން ތަފްސީލު ކޮށްދީފައި ވާ ކަމަށާ، ގިނަ އެއްބަސްވުންތަކަކާވެސް ޗައިނާއިން ހިލާފުވެފައި ވާކަމަށްވެސް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އޭޝިއާ ސަރަހައްދުގެ ސުޕާޕަވަރުންގެ ގޮތުގައި އިންޑިއާއާއި ޗައިނާގެ މަސްރަހު ފިނި ކުރުމަށް ދޭދޭ ގައުމުތަކުގެ މެދުގައި ސިލްސިލާ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، ސުލްހަވެރި ހައްލެއް އަދާ ޖެހުނުއިރުވެސް ހޯދިފައެއް ނުވެއެވެ. އަދި އަވަސް މުސްތަގުބަލެއްގައި މިކަން ހައްލުވެދާނެ ކަމުގެ އަލިމަގެއްވެސް ނުފެނެއެވެ.