މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން އަރައިގަތުމަށް ބިނާ ކުރަނިވި އިޖާބައެއްގެ ވާހަކަ ދައްކާއިރު، ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާ ރައްކާތެރިކަމުގެ މުހިންމުކަން، އިހުނަށް ވުރެ ބޮޑު ވެފައި ވާކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ނޫސްވެރިންގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރުވުމާ ބެހޭ ގޮތުން ވަޒީރުންގެ ފެންވަރުގައި މަޝްވަރާ ކުރެއްވުމަށް، ނެދަލަންޑްސްގެ ހާރިޖީ ވަޒީރު ސްޓެފް ބްލޮކް އިސްކޮށް ހުންނަވައިގެން އިންތިޒާމް ކުރެއްވި ވައްމޭޒު ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.

މި މަޝްވަރާގައި ޝާހިދު ދެއްކެވި ވާހަކައިގައި، ވަކި ފިކުރުތަކަކަށް ބައިބައިވެފައިވާ އަދުގެ ދުނިޔޭގައި، މުޖުތަމައުތައް ގުޅުވާދިނުމުގައި މިނިވަން ނޫސްވެރިކަމެއް އަދާ ކުރާ އިސް ދައުރުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މިނިވަން ނޫސްވެރިކަމަކީ، ސަރުކާރުތައް ޖަވާބުދާރީ ކުރުވާ، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަނިވި ވަރުގަދަ ބާރެއް ކަމުގައިވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ފަރާތުން މުޖުތަމައަށް ލިބެމުންދާ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކާ އެކުގައިވެސް، ހައްގު މިނިވަންކަމުން ނޫސްވެރިން މަހްރޫމު ކުރެވި، ހަނު ހިމޭން ކުރެވިފައިވާކަން ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

"ސޭފްޓީ އޮފް ޖާނަލިސްޓްސް އެންޑް ދި އިޝޫ އޮފް އިމްޕިއުނިޓީ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތަކުގައި ރޭ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި މައުލޫއަކީ، ދިވެހި ސަރުކާރަށް މުހިންމު މައުލޫއެއް ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަން ކަމުގެ އެކި ގިންތިތަކުގައި ރާއްޖެ ލިސްޓު ކޮށްފައި ވާކަން ފާހަގަ ކުރައްވަމުން ޝާހިދު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ނޫސްވެރިންނަށް ކުރިމަތިކޮށްފައިވާ ފިއްތުންތަކުގެ ސަގާފަތް ނައްތާލެއްވުމަށް މަގު ކޮއްޓަވާ ދެއްވި ކަމަށެވެ.

މި މޭރުމުން އަދުގެ ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ޝާހިދު ވަނީ، އަބުރު ހިމާޔަތް ކުރުމުގެ ނަމުގައި 2016 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ގާނޫނުން ނޫސްވެރިންގެ މިނިވަން ކަމަށް އެޅުނު ހުރަސްތައް ނައްތާލެވުނު ކަމާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނަށް އިސްލާހީ ބަދަލުތަކެއް ގެނެސްފައި ވާކަން ފާހަގަ ކުރައްވާފައެވެ.

މަރާލާފައިވާ މީހުންނާއި ނިޒާމުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުނު ކަމީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންއަށް އިންސާފު ހޯދާ ދިނުމަށް އަދުގެ ސަރުކާރުން ވެފައިވާ ވައުދުގެ ހެއްކެއް ކަމަށްވެސް ޝާހިދު ވަނީ ރޭގެ ވައްމޭޒު ޖަލްސާގައި ވިދާޅުވެފައެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްވާފައި ވަނީ، އިންސާނިއްޔަތަށް ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކެއްގެ ހައްލު އޮތީ އެއްބައިވަންތަކަމާއި މަޝްވަރާގެ ތެރެއިން ކަން ފާހަގަ ކުރައްވަމުންނެވެ.

"ސޭފްޓީ އޮފް ޖާނަލިސްޓްސް އެންޑް ދި އިޝޫ އޮފް އިމްޕިއުނިޓީ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތަކަކީ ޔުނެސްކޯއާއި ނެދަލަންޑްސް ކޯ-ހޮސްޓްކުރާ ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މަޝްވަރާތަކެކެވެ.