ތަފާތު އެކި އެއްޗެއްސާ ނުގުޅި، އެލާޖިކް ރިއެކްޝަނާ ކުރިމަތިލާން ޖެހޭ ފަރާތްތަކުން، ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ތަރައްގީ ކުރި ވެކްސިން މި ވަގުތު ބޭނުން ނުކުރުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ރެގިއުލޭޓަރުން އަންގައިފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީއިން މިފަދައިން އެންގީ، އެގައުމުގައި އާންމު އުސޫލުން ކޮވިޑް ވެކްސިން ބޭނުން ކުރަން ފަށަފައި ވާއިރު، ނޭޝަނަލް ހެލްތު ސާވިސަސް (އެންއެޗްއެސް) އިން މި ވެކްސިން ބޭނުން ކުރި 2 މުވައްޒަފަކަށް އެލާޖީގެ މައްސަލަތަކެއް ކުރިމަތިވުމުންނެވެ. އެގޮތުން ހަމުގައި ފިތްގަނޑު ޒާތަށް ރަތްވުމާއި، ނޭވާ ކުރުވުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްވުން ފަދަ މައްސަލަތައް ކުރިމަތިވި ކަމަށް މައުލޫމާތު ލިބެއެވެ.

އެކި ކަހަލަ ބޭހާއި، ކާބޯތަކެތީގެ އިތުރުން އެކި ކަހަލަ ވެކްސިނަށް އެލާޖިކް ވާ މީހުން، މިވަގުތު ފައިޒާގެ ވެކްސިން ބޭނުން ނުކުރުމަށް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ވަނީ އިރުޝާދު ދީފައެވެ.

ފައިޒާގެ ވެކްސިން ބޭނުން ކުރި ތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެލާޖީގެ މައްސަލަތައް ކުރިމަތިވި 2 މުވައްޒަފުންނަށް ފަރުވާ ދީފައި ވާ ކަމަށާ، 2 މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ހަބަރު ލިބެއެވެ. އެލާޖީގެ މައްސަލަ ކުރިމަތިވި އެންއެޗްއެސްގެ 2 މުވައްޒަފުންނަކީވެސް އެލާޖީގެ ތާރީހެއް އޮތް 2 މީހުން ކަމަށާއި، އެ ދެމީހުންނަކީވެސް އެލާޖީގެ ތަކުލީފުތައް އުފުލާ މީހުންނަށް ހާޢްސަ ކޮށްފައިވާ އެޑްރެނަލީން ޕެންސް ގެންގުޅޭ މީހުން ކަމަށްވެއެވެ.

ފައިޒާގެ ވެކްސިންގެ ތަހުލީލީ މަރުހަލާގައި މިފަދަ ކަމެއް ހިނގާފައެއް ނުވެއެވެ. ސަބަބެއް ކަމުގައި ބެލެވެނީ އެލާޖީގެ މައްސަލަ ކުރިމަތިވާ މީހުން، ތަހުލީލީ މަރުހަލާއަށް ރެކްރޫޓް ކޮށްފައި ނުވުމެވެ.

އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެލާޖީގެ ކޭސްތައް އިތުރަށް ދިރާސާ ކުރަމުންނެވެ.

އިނގިރޭސިވިލާތުގައި އާންމު އުސޫލުން ފައިޒާގެ ވެކްސިން ދޭން ފަށާފައިވާއިރު، އެތައް ހާސް މީހުންނަކަށް މިހާރު ވެކްސިން ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ. ތަހުލީލީ މަރުހަލާއިން ބޭރުން، ކޮވިޑް-19 ގެ ވެކްސިން ޖެހި ފުރަތަމަ ރެކޯޑް އޮންނަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ، އުމުރުން 90 އަހަރުގެ މާގްރެޓް ކީނަން އަތުގައެވެ. މާގްރެޓަށް 91 އަހަރު ފުރޭނީ އަންނަ ހަފުތާގައެވެ.