ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިންގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފައިޒާއާއި ބައޮއެންޓެކްގެ ވެކްސިންގެ ސަބަބުން ބެލްޒް ޕޯލްޒީއަށް މަގުފަހި ކުރާ ކަމަށް ވާހަކަ ދެކެވޭއިރު، އެކަމަށް ބާރުދޭ ހެއްކެއް ފެނިފައި ނުވާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ހާމަކޮށްފިއެވެ.

ބެލްޒް ޕޯލްޒީއަކީ މޫނުމަތީގެ ނާރެއް ޕެރެލައިޒްވެ، މޫނުގެ އެއް ފަޅިގެ މަސްތަކުގެ ބާރު ވަގުތީ ގޮތުން ދެރަކޮށްލާ ނުވަތަ ވާގި ކަނޑުވާލާ ބައްޔެކެވެ.

އެފްޑީއޭއިން އަންގާރަ ދުވަހު އާންމު ކުރި ލިޔެކިއުންތައް ބުނާ ގޮތުގައި ފައިޒާގެ ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ކޮވިޑް-19އާ ދެކޮޅަށް ކޮންމެވެސް ވަރެއްގެ ދިފާއެއް ލިއްބައިދެއެވެ. އަދި 2 ވަނަ ޑޯޒް ފުރިހަމަ ކުރުމުމުން ގާތްގަނޑަކަށް ފުރިހަމަ ދިފާއެއް ހޯދާދޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަންކާރާ ޔުނިވަސިޓީގެ ސިއްހީ ހިދުމަތްތެރިއަކު ފައިޒާ އަދި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ސިރިންޖެއް ހިފައިގެން / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ފައިޒާގެ ކޮވިޑް ވެކްސިން، އެމެރިކާގައި އާންމު އުސޫލުން ބޭނުން ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އެފްޑީއޭއަށް ލަފާ އަރުވާ، ވެކްސިންސް އެންޑް ރިލޭޓަޑް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމިޓީ ނުބަތަ ވީއާރްބީޕެކުން މަޝްވަރާ ކުރަން ތާވަލު ކޮށްފައި ވަނީ ބުރާސްފަތި ދުވަހަށެވެ.

އެ ބައްދަލުވުމުގެ ކުރިން އެފްޑީއޭއިން އާންމުކޮށްފައިވާ 53 ސޮފުހާގެ ލިޔުމުގައި އެކުލެވެނީ، ފައިޒާގެ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތަކާ ގުޅިގެން އެމެރިކާގެ ފެޑަރަލް ރެގިއުލޭޓަރުންނާއި، ފައިޒާ ކުންފުނިން އެކުލަވާލާފައިވާ އެނާލިސިސްތަކެވެ. މިއީ އެޑްވައިޒަރީ ގުރޫޕަށް އިރުޝާދު ދެނިވި ލިޔެކިއުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބެލްޒް ޕޯލްޒީ ޕޭޝަންޓެއް / ފޮޓޯ: ރިވިއު އޮފް އޮޕްޓޮމެޓްރީ

ފުރަތަމަ ޑޯޒްއަށްފަހު 3 ހަފުތަ މަޑުކޮށް، 2 ވަނަ ޑޯޒް ނަގައިގެން ވެކްސިން ފުރިހަމަ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ދިފާއު ހޯދާދޭ ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކުރީ ނޮވެމްބަރު މަހުއެވެ. އިނގިރޭސިވިލާތުން މިހާރު ވަނީ ދޮށީ އުމުރުގެ މީހުންނަށް، އާންމު އުސޫލުން މި ވެކްސިން ދޭން ވެސް ފަށާފައެވެ.

ކަން މިހެން އޮތް އިރު، ފައިޒާގެ ވެކްސިން ތަޖުރިބާކުރި 4 ވޮލަންޓިއަރަކަށް ބެލްޒް ޕޯލްޒީއާ ކުރިމަތިލާން ޖެހުނު ކަން އެފްޑީއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިއީ ވެކްސިންގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ބުނެވޭނެ ހެކި ލިބިފައި ނުވާ ކަމަށްވެސް އެފްޑީއޭއިން ބުނެއެވެ. ދިގު މުއްދަތުގެ ރާސްތާގައި މި ވެކްސިން ބޭނުން ކުރުމަށް އެފްޑީއޭއިން ހުއްދަ ދޭނެ ކަމަށްވެސް ބެލެވެއެވެ.

ދާއިރާގެ ތަޖުރިބާކާރުން ވަނީ ފައިޒާގެ ވެކްސިނަކީ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ރައްކާތެރި އަދި ނަތީޖާ ނެރެނިވި ވެކްސިނެއްތޯ ބެލުމުގެ ދިރާސާތައް ކުރުމަށް ގޮވާލައްވާފައެވެ.