އޮރިއާންކާޑާއި، ހަށިވިއްކުމާއި، ޖުވާ ކުޅުމާއި ހަމަނުޖެހުން ޕްރޮމޯޓް ކުރާ ކޮންޓެންޓް ހުއްޓުވުމަށް ކަމަށް ބުނެ ޗައިނާއިން ފަށާފައިވާ ކެމްޕޭންގެ ތެރެއިން، އެ ގައުމުގެ އެޕް ސްޓޯތަކުން 105 އެޕްލިކޭޝަނެއް ނަގައިފިއެވެ.

ޗައިނާގެ އެޕް ސްޓޯތަކުން ނެގި އެޕްލިކޭޝަންތަކުގެ ތެރޭގައި ގިނައީ ޗައިނާއިން ވާދަވެރި އަދުއްވެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ އެޕްތަކެވެ. މީގެ ތެރޭގައި، ފަތުރުވެރިކަމާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޓްރިޕްއެޑްވައިޒާ އެޕްވެސް ހިމެނެއެވެ. ޓްރިޕްއެޑްވައިޒާއަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން މަގުބޫލު ކުރުވުމުގެ މުހިންމު މޭސްތިރިއެކެވެ.

ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނީ، މަނާ ކޮށްފައިވާ އެޕްލިކޭޝަންތަކަކީ އެ ގައުމުގައި އޮތް ސައިބާ 3 ގާނޫނުގެ ތެރެއިން ކޮންމެވެސް 1 ގާނޫނަކާ ހިލާފުވެފައިވާ އެޕްތަކެއް ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ޓިކްޓޮކް އެޕްލިކޭޝަނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވާ ވަރުގަދަ ހަނގުރާމަ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އޭޝިއާ ޓައިމްސް

ފަތުރުވެރި މަންޒިލްތަކަށް ބުކިންގް ހެދުމުގައި ގިނަ ބައެއްގެ މެދުގައި އިތުބާރު ހޯދާފައިވާ ޓްރިޕްއެޑްވައިޒާ މަނާ ކުރީ ކީއްވެކަމެއްވެސް ތަފްސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން ވިޔަފާރި މައިދާނުގެ ތެރެއިން، ސައިބާސްޕޭސްގެ ދާއިރާއަށްވެސް އިންތިހާއަށް ފޯރަމުންދާކަމީ އެނގެން އޮތް ހަގީގަތެކެވެ.

ކަން މިހެން އޮތްއިރު އެމެރިއާއާއި އިންޑިއާ ފަދަ، ޗައިނާގެ ވާދަވެރިން ދަނީ އެ ގައުމުތަކުގައި ޗައިނާގެ އެޕްލިކޭޝަންތައް ބޭނުން ކުރުންވެސް މަނާ ކުރަމުންނެވެ.