18 އަހަރު ވިއަސް ނުވިއަސް ހައްދުގެ މައްސަލަ ތަކުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ އަދަދު ގިނަވެފައިވުމާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުވެ ވަނިކޮށް މަރުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 18 އަހަރަށް ބަދަލުކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށްވުން އެކަށީގެންވާ ކަމަށެވެ.

އޭގެ އިތުރުން އުމުރުން 18 އަހަރު ވިއަސް ނުވިއަސް ހައްދުގެ މައްސަލަ ތަކުގައި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހަމަތަކުން އެމީހަކާއި ދޭތެރޭގައި އަމަލު ކުރެވެން ޖެހޭނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް ގާނޫނުތަކުގައި ހިމެނުމަކީ ގާނޫނު އަސާސީ އާއި ހިލާފުވުން ކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފައެވެ.

މުހުތާޒު އެހެން ވިދާޅުވެފައިވަނީ ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ ތިންބައިކުޅަ ދެބައި ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހަޅުއްވާފައިވާ އެ ބިލް ދިރާސާ ކޮށްފައިވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ. ކޮމިޓީ ގެނައި އިސްލާހުތަކާއި ތަޅުމުން ގެނައި އިސްލާހުތަކާއެކު އެބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

މިހާރު ގާނޫނުގައި ބުނާގޮތުން ކުޑަކުއްޖަކު ކުށެއްކޮށްފިނަމަ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ހާލަތުގައި އެކުއްޖާ އާމެދު ފިޔަވަޅުއެޅުމަށް ގާޒީ ނިންމަންވާނީ ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރެވޭ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މަޖިލީހުން ގެނައި އިސްލާހުގައިވަނީ ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ އެކުށަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ ތިންބައިކުޅަ ދެބައިކަމަށެވެ. އަދި ގާޒީ ބޭނުންވެއްޖެ ނަމަ ގާނޫނުގައި ބުނާ އެންމެ ކުޑަ އަދަބު ކަނޑައެޅިދާނެ ކަމަށް ވެސް މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ.

އޭގެ އިތުރުން އުމުރުން 18 އަހަރުވުމަށްފަހު އުމުރުން 18 އަހަރު ވުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.