އިނގިރޭސިވިލާތުގެ ތާރީހު ނުދެކޭ ވަރުގެ ބޮޑު މަޝްރޫއެއްގެ ތެރެއިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވެކްސިން، އާންމު އުސޫލުން ދޭން ފަށައިފިއެވެ.

އިނގިރޭސިވިލާތުގައި އާންމު އުސޫލުން ކޮވިޑް-19ގެ ވެކްސިން ދޭން ފަށާފައި ވާ ކަން އެ ގައުމުން އިއުލާން ކުރީ، ރާއްޖެ ގަޑިން މެންދުރު 12:00 ހާއިރުއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އިނގިރޭސިވިލާތުގައި އާންމު އުސޫލުން ދޭން ފަށާފައިވަނީ ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކޮށްފައިވާ ވެކްސިންއެވެ.

ކޮވިޑް-19އާ ދެކޮޅަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ފްރާންސް 24

މި ވެކްސިންގެ ފުރަތަމަ ޑޯޒް އެންމެ ފުރަތަމަ ދީފައި ވަނީ، ނޮދާން އަޔަލަންޑަށް ނިސްބަތްވާ، އުމުރުން 90 އަހަރުގެ އަންހެނަކަށެވެ. މި އަންހެން މީހާއަކީ، ތަހުލީލީ މަރުހަލާގެ ބޭރުން ކޮވިޑް-19ގެ ވެކްސިން ޖެހި ފުރަތަމަ މީހާއެވެ.

މާގްރެޓް ކީނަން ނަމަކަށް ކިއާ މި އަންހެން ބުނީ، ފުރަތަމަ ޑޯޒްއާއެކު އާދަޔާ ހިލާފު ޝަރަފެއް އިހުސާސް ކުރެވޭ ކަމަށެވެ.

މާގްރެޓަށް ވެކްސިން ދީފައި ވަނީ ކޮވެންޓްރީ ޔުނިވާސިޓީ ހޮސްޕިޓަލުގައެވެ.

ފައިޒާ ކުންފުންޏަކީ، އާންމު އުސޫލުން އިންސާނުންގެ ހަށިގަނޑަށް ވެކްސިން ޖަހަން ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ 3 ވަނަ މަރުހަލާ ފުރިހަމަ ކޮށް ނިންމާ، އެންމެ ފުރަތަމަ، ރިޕޯޓް އާންމު ކުރި ކުންފުންޏެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރަންޖެހޭ ވެކްސިނެކެވެ. ފައިޒާގެ ވެކްސިނަކީ 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެވެއެވެ. މި އަހަރު ތެރޭގައި މި ވެކްސިންގެ 50 މިލިއަން ޑޯޒް އަދި 2021 ވަނަ އަހަރު، 1.3 ބިލިއަން ޑޯޒް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް 50 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށް ފައިޒާއާއި ބައޮއެންޓުން އުއްމީދު ކުރޭ / ފޮޓޯ: ޑަބްލިއުއެސްޖޭ

އިނގިރޭސިވިލާތުގެ އިސްތިގުލާލީ ގައުމެއްގެ ގޮތުގައި އޮންނަ އިންގްލަންޑްގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސާ، ޕްރޮފެސާ ޖޮނަތަން ވާން-ޓާމް ވިދާޅުވީ، ފުރަތަމަ ބުރުގެ ވެކްސިންއާއެކު، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މިންވަރާއި، މި ބަލީގައި މީހުން މަރުވާ ނިސްބަތް 99 ޕަސެންޓް ދަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް، އެ ބަލިން ދިފާއު ހޯދުމަށް އިނގިރޭސިވިލާތުގައި އާންމު އުސޫލުން ބޭނުން ކުރުމަށް އެންމެ ފުރަތަމަ ހުއްދައިގެ ސިއްކަ ކަށަވަރު ކުރި ފައިޒާ/ބައޮއެންޓެކް ގެ ވެކްސިން އުފައްދާފައި ވަނީ ބެލްޖިއަމްގައެވެ. އަދި މި ވެކްސިންގެ ފުރަތަމަ ބެޗް، އިނގިރޭސިވިލާތަށް އުފާލާފައިވަނީ ޔޫރޯޓަނަލް ހުރަސްކޮށެވެ.

އިނގިރޭސިވިލާތުގައި މި ވެކްސިން ލިބޭނެ މީހުންގެ ލިސްޓަށް ނަން ހުށަހަޅަނީ، ޖޮއިންޓް ކޮމިޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަން (ޖޭސީވީއައި) އިންނެވެ. އޭގެ ފަހުން، ވެކްސިން ދޭނެ މީހުން ނިންމަނީ ސަރުކާރުންނެވެ. މިވަގުތު އުސޫލުތައް ހަމަޖެހިފައި އޮތް ގޮތުން، އިސްކަން ދޭ ލިސްޓުގެ އެންމެ ކުރީގައި އޮތީ ދޮށީ އުމުރުގެ މީހުން ބަލަން ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި ތިބި ދޮށީ އުމުރުގެ މީހުންނާއި، އެ މީހުން ބެލުމަށް އެތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. އޭގެ ފަހަތުން އޮތީ 80 އަހަރުން މަތީގެ މީހުންނާއި، ސިއްހީ ހިދުމަތްތެރިންނެވެ.