ދުނިޔޭގައި މިވަގުތު އޮތް ފުން ސްވިމިންގް ޕޫލް ނުވަތަ ފަތާފެންގަނޑު، ޕޯލަންޑްގައި ހުޅުވައިފިއެވެ.

އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި މި ޕޫލަކީ، ކަނޑަށް ނުގޮސް، އިންތިހާ ފުން މިނަށް ފީނާލުމުގެ ފުރުސަތު، ސްކޫބާ ޑައިވަރުންނަށް ފަހި ކޮށްދޭ ޕޫލެކެވެ.

"ޑީޕްސްޕްޓް"ގެ ނަން ދީފައިވާ މި ފަތާފެންގަނޑުގެ ފުން މިނުގައި 45 މީޓަރު ހުންނާނެ ކަމަށް ހަބަރު ލިބެއެވެ. މި ޕޫލްގައި 8000 ކިއުބިކްމީޓަރުގެ ފެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އާންމު 25-މީޓަރު ޕޫލަކަށް ވުރެ 20 ގުނަ އިތުރު މިންވަރެކެވެ.

ޕޯލަންޑްގައި ހުޅުވި ދުނިޔޭގެ އެންމެ ފުން ސްވިމިންގް ޕޫލް

ހުރިހާ ގިންތިއެއްގެ ޑައިވަރުން ތަމްރީނު ވުމަށާއި، ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހާއްސަކޮށްފައިވާ ޑީޕްސްޕޮޓް ތަރައްގީ ކުރުމަށް،10.6 މިލިއަން ޑޮލަރު ހަރަދުވިއެވެ. މި މަޝްރޫއު ނިންމާލީ 2 އަހަރު ދުވަހުގެ މަސައްކަތުންނެވެ.

މި ޕޫލް ފަރުމާ ކޮށްފައިވާ ފުން ހޮހަޅައެއްގެ އިތުރުން، ފެތިފައި އޮތް ބޯޓެއްގެ މަންޒަރާއި، ގަދީމީ، އާސާރުތަކެއްވެސް އެކުލެވޭ ގޮތަށެވެ.

ޕޯލަންޑްގައި ހުޅުވި ދުނިޔޭގެ އެންމެ ފުން ސްވިމިންގް ޕޫލް

ޕޯލަންޑްގެ ޑައިވިންގް އިންސްޓްރަކްޓަރަކު ފާހަގަ ކުރި ގޮތުގައި، މިއީ ކައިރި ހިސާބެއްގައި ކަނޑެއް ނެތް ޕޯލަންޑްގެ ޑައިވަރުންނަށް، މާ ސިންގާ ކަނޑުގައި ފީނުމަށް ފަރިތަކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. މިއީ ޑައިވަރުންގެ "ނާސަރީ" ކަމަށް އޭނާ ސިފަކުރެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ޑީޕްސްޕޮޓް ހުޅުވުމަށް ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދިނީ، މިއީ މުނިފޫހި ފިލުވުމަށް ބޭނުން ކުރުމަށް ވުރެ ބޮޑަށް، ތަމްރީނު ހާސިލު ކުރާ މަރުކަޒެއް ކަމަށް ވުމުންނެވެ.

ޕޯލަންޑްގައި ހުޅުވި ދުނިޔޭގެ އެންމެ ފުން ސްވިމިންގް ޕޫލް

މިއީ ސްކޫބާ ޑައިވަރުންގެ ތަމްރީނަށް އަމާޒުކޮށްގެން ހެދި ތަނެއް ނަމަވެސް، މިއީ އަސްކަރިއްޔާއާއި ފަޔާ ފައިޓަރުންގެ ތަމްރީނުތަކުގައިވެސް ބޭނުން ކުރެވޭނެ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ.