ކުރިއަށް އޮތް 2021 ވަނަ އަހަރަކީ ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި އިންސާނީ ތާރީހު ދުށް އެންމެ ގެއްލުންދެނިވި ކާރިސީ އަހަރަކަށް ވެދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދެއްވައިފިއެވެ.
ނިމިގެން މިދާ 2020 ވަނަ އަހަރަކީ "ބަލިމަޑުކަމުގެ އަހަރެއް"ގެ ގޮތުގައި ސިފަކޮށް، އާ އުއްމީދަކާ އެކު 2021 ވަނަ އަހަރާ ކުރިމަތިލުން ދަނިކޮށް، ކާބޯތަކެއްޗާ ބެހޭ ބައިނަލްއަގުވާމީ މަޝްރޫއު ނުވަތަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ، ކުރިއަށް އޮތީ އިންސާނިއްޔަތަށް ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ އަހަރަކަށް ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
ޑަބްލިއުއެފްޕީގެ އިސްވެރިޔާ ޑޭވިޑް ބީޒްލީ ވަނީ، 2021 ވަނަ އަހަރު، ވަރުގަދަ އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް މުޅި ދުނިޔެ ތައްޔާރު ވުމަށް އިންޒާރު ކުރައްވާފައެވެ.
2021 ވަނަ އަހަރަކީ ފާއިތުވީ 100 އެއްހާ އަހަރު ދުނިޔެ ދެކެފައި ނުވާ ދަރަޖައަކަށް އިންސާނީ ކާރިސާ ބޮޑުވެގެންދާނެ އަހަރަކަށް ވެދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އިންތިހާ ބަނޑުހައި ހޫނު ކަމުގެ މައްސަލައަކީ، ވަކިން ހާއްސަކޮށް، 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ވަކިން ގަދައަށް ބޮޑުވެގެންދާނެ މައްސަލައެއް ކަމަށް ބުނެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 270 މިލިއަނެއްހާ މީހުން މިސްރާބު ޖަހާފައި ވަނީ ބަނޑުހައިހޫނު ކަމާ ދިމާލަށް ކަމަށާ، ބަނޑަށް ޖެހުމުގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދާއިރާގެ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.
ބީޒްލީ ވިދާޅުވާ ގޮތުގައި މި ހާލަތަށް ދުނިޔެ ވައްޓާލި ހަމައެކަނި ސަބަބަކީ މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމެއް ނޫނެވެ. ކޮވިޑް-19އާއެކު ދުނިޔެ ހުއްޓުމަކަށް ގެނައި ގެނައުމުގެ އިތުރުން، އިންސާނުން އަމިއްލައަށް އުފެއް ހައިޖާނުގަނޑުތައްވެސް މިކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބީޒްލީ ވިދާޅުވިއެވެ. އެގޮތުން، ސޫރިޔާ، ޔަމަން އަދި ދެކުނު ސޫދާންގެ ނަން ފާހަގަ ކުރަން ޖެހެއެވެ.
ޑަބްލިއުއެފްޕީއިން މީގެ ކުރިންވެސް ވަނީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދަތަކުން މަހްރޫމުވެ، މެލްނިއުޓްރިޝަންގެ ހާލަތަށް ދާ މީހުންގެ އަދަދު، އަހަރު ނިމޭއިރު 80 ޕަސެންޓް އިތުރުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 1.2 މިލިއަނެއްހާ ކުދިން، 6 މަހެއްހާ ދުވަހުގެ ތެރޭގައި މި ދުނިޔެއާއި ވަކިވެދާނެ ކަމުގެ އިންޒާރުވެސް ޑަބްލިއުއެފްޕީއިން ވަނީ ދީފައެވެ.