ކުޅިވަރުގެ ފުރުސަތު ފަހިވަމުންދާ ވަރަކަށް ޒުވާނުންގެ މުސްތަގްބަލް އުޖާލާވަމުންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ޓޭބަލް ޓެނިސް ހޯލާއި މާޝަލް އާޓްސް ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެލެއްވި އިރު އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި ވަނީ މާލޭ ފަތާ ޓްރެކްގައި ހިޔާވާނެ ގޮތެއް ނެތުން ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް ހައްލެއް ގެނެވި އެ ތަނުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔޫތް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވޭ ވަރަށް މާލޭގެ ބިލިޔާޑް ސެންޓަރު ތަރައްގީ ކުރުމަށް ކަމަށެވެ. އެގޮތުން ރައީސް ވަނީ ސައުތް އޭޝިއަން ޗެސް ފެސްޓިވަލްގައި ރާއްޖޭގެ 2 ކުޅުންތެރިއަކު ރަން މެޑަލް ހާސިލްކޮށްފައިވާ ކަން ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ޒުވާނުން ކުޅިވަރުގެ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުން އެނގިގެން ދަނީ ކުޅިވަރުގެ ފުރުސަތުތަކާއެކު ރާއްޖޭގެ ޒުވާނުންގެ މުސްތަގްބަލް އުޖާލާވަމުންދާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލަމުން ވަނީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ކުޅިވަރުގެ ވައުދުތަކުގެ ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދީ ތަރައްގީކޮށްދިނުން ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނާއި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.