އަމީން ދީދީ އާއި އިބްރާހިމް ނާސިރަށް ހެދި ގޮތަށް ރައީސް އަބްދުﷲ ޔާމީން އަކަށް ނެހެދޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ބައެއް ފަރާތްތަކާއެކު ސަރުކާރުން ޑީލް ހެދީ ރައީސް ޔާމީން އަށް އަދިވެސް އިތުރު ނުހައްގު އަނިޔާ ދޭން ކަމަށެވެ. އަދި ކޮރަޕްޝަންގައި ބައިވެރިވި މީހުންނާއި ގެއްލުނު ފައިސާ ހޯދަން ނޫޅޭ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.
ޝަރީފު އެހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން މިއަދު ތާވަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 02:00 އަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިހާރު ކުރިއަށް ދަނީ އެ ޝަރީއަތް ތަކެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ. ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ކުރި 32 ދައުވާއަށް 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.