ރިލީސް ސާމްޕަލް ނެގުން މާލެ ހިޔާ ކައިރި ހުރި ފްލޫ ކްލިނިކަށް ބަދަލުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކުރިން މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީޒް ސާމްޕަލް ނެގުން "މާލެ ހިޔާ 2" ފުރަގަހުގައި ހުންނަ ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތައް ބަދަލުކޮށްފައި ވާ ކަމަށެވެ.
ރިލީޒް ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައިވާނީ ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 01:00 އަށް، އަދި ހަވީރު 05:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ރިލީޒް ސާމްޕަލް ނަގައިދޭނީ ހަވީރު 05:00 އިން ރޭގަނޑު 09:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެބަދަލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ވަނީ 16 މީހުން ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވި 16 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 9 މީހަކާއި އަތޮޅު ތެރެއިން ރަށްރަށުން ޕޮޒިޓިވް ވި 5 މީހަކާއި ހިންގަމުން ދާ ރިސޯޓަކުން ޕޮޒިޓިވް ވި 2 މީހެކެވެ.
ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،159 އަށް އަރާފައެވެ. އޭގެ ތެރެއިން އިއްޔެ 65 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،264 އަށް އަރާފައެވެ.
މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 841 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 79 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.