އަނގަޔަށް މީރު ޕޭންކޭކްސް ފިހުނީ އިސްތިރީގައެވެ. އަނގަޔަށް މީރު އެސްޕެރަގަސް ތައްޔާރު ކުރީ ސައިކުރާގައެވެ.

މިއީ މިހާރު އެންމެ ވައިގަ ހިފާފައިވާ ޓިކްޓޮކްގައި ތަރިއެއްގެ ދަރަޖަ ހޯދަމުން އަންނަ އިނގިރޭސި ޝެފް، ޖާގޯ ރޭންޑްލްސް، ހޮޓަލެއްގެ ކޮޓަރިއެއްގައި ކަރަންޓީނުވެ ހުރެގެން "ގޯމޭ" ފެންވަރުގެ ކެއުންތައް ތައްޔާރު ކުރަމުން ދާ ގޮތުގެ ވާހަކައެވެ.

ކެނެޑާގައި ވަޒީފާ އަދާކުރުމަށް އެ ގައުމަށް ދަތުރުކޮށް ކަރަންޓީނު ވެގެން ހުރި ޝެފް ރޭންޑްލްސް ދަނީ ޓިކްޓޮކްގައި އޭނާގެ "އައިސޮލޭޝަން ކިޗަން" އިން މޮޅެތި ކެއުންތައް ގެނެސްދެމުންނެވެ. އެ ބަދިގޭގައި ތައްޔާރު ނުކުރާ ހަމަ އެކައްޗެއްވެސް މިހާރު ނެތެވެ.

ޝެފް ޖާގޯ ރޭންޑްލްސް ކަރަންޓީނު ހޮޓަލެއްގައި ތައްޔާރުކުރި ޑިޝްއެއް ޓިކްޓޮކްގައި ހިއްސާކޮށްފަ / ފޮޓޯ: ސީއެންއެން

ޝެފް ރޭންޑްލްސްގެ "އައިސޮލޭޝަން ކިޗަން" އިން ފުރަތަމަ ވީޑިއޯ ދޫކޮށްލީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 މިލިއަނެއްހާ ލައިކް ލިބިފައިވެއެވެ. ކެއްކުމުގެ ދުނިޔޭގައި އެމީހަކު ރުއްސަން އެންމެ އުނދަގޫ، ޝެފް ގޯޑަން ރެމްޒީގެ ތައުރީފުވެސް ޝެފް ރޭންޑްލްސް ވަނީ ހޯދާފައެވެ.

"އައިސޮލޭޝަން ކިޗަން" އަށް ފާޑުކިއާ މީހުންވެސް މަދެއް ނުނެވެ. ހޮޓަލުގެ ކޮޓަރީގައި ކެއްކުމަކީ، އެތަން ސާފުކޮށް ބަލަހައްޓާ މީހުންނަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނުވާއިރު، ހޮޓާތަކުގައި ހުންނަ އިސްތިރިއާއި ސައިކުރާ ބޭނުން ކުރަން ގެސްޓުން ފަސްޖެހެނީވެސް ޝެފް ރޭންޑްލްސް ފަދަ މީހުންގެ ސަބަބުން ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

ޝެފް ޖާގޯ ރޭންޑްލްސް ކަރަންޓީނު ހޮޓަލެއްގެ ކޮޓަރީގައި ކައްކަނީ / ފޮޓޯ: ދަ ޓައިމްސް

އިއްތިފާގުވެވޭ އެއް ކަމެއް އެބައޮތެވެ. އެއީ އަނގަޔަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްލުމަށް އެންމެ ޒަމާނީ ފެންވަރުގެ އާލާތްތަކާ ކަރަންޓު ސާމާނުން ފުރާލާފައިވާ "މޮޅު" ބަދިގެއެއް ބޭނުން ނުވާކަމެވެ. އޭގައި އޮތީ މީހާގެ ހިތްވަރާއި ހުނަރުކަމެވެ.