ސިއްހީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ލިޔުމެއް ލިބިފައިވާ ފަރާތްތަކާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރަށްރަށަށް ދަތުރު ކުރާއިރު، އެ ދަތުރުކުރާ ރަށްރަށުގައި ވެކްސިން ފުރިހަމަވެފައި ވާނަމަ އެ ފަރާތްތަކުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ދަތުރުފަތުރުު ކުރުމުގެ އުސޫލުގައި އެ އިދާރާއިން ބުނީ ސިއްހީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭ ފަރާތްތަކާއި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހުނު ނަމަވެސް، ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ނުވަތަ ވެކްސިން ނުޖަހާ ފަރާތްތައް ދަތުރުކުރާ ނަމަ، ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި އެ ފަރާްތްތަކާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
ރަށްރަށުގައި ވެކްސިން ފުރިހަމަވެފައިވޭތޯ ބަލާ މިންގަނޑުތައް:
- ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުންމަތީގެ އާބާދީން 90 ޕަސެންޓު ވެކްސިން ފުރިހަމަކުރުން
- އެ ރަށެއްގައި ދިރިއުޅޭ 65 އަހަރުންމަތީގެ އާބާދީން 90 ޕަސެންޓު ވެކްސިން ފުރިހަމަކުރުން
- ގެސްޓުހައުސް ހިންގާ ރަށެއް ނަމަ، އެ ތަނުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓު ވެކްސިން ފުރިހަމަކުރުން
- ރިސޯޓުތަކާއި ހަދަމުންދާ ރަށެއް ކަމަށް ވާނަމަ، އެ ތަނުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓު ވެކްސިން ފުރިހަމަކުުރުން
ނަމަވެސް ވެކްސިން ފުރިހަމަވި ކަމަށް ބަލާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ޕަސެންޓަށް އެ ރަށެއްގައި ވެކްސިން ފުރިހަމަވެ، 14 ދުވަސް ފުރިހަމަ ވުމުން ކަމަށް، އެޗްޕީއޭއިން ބުންޏެވެ. އެއާއެކު، އެ މިންގަނޑުތަކަށް ނުފެތޭ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ސިއްހީ ސަބަބަކާ ހުރެ ވެކްސިން ނުޖެހޭ ފަރާތްތަކުން 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެ އިދާރާއިން ބުނީ ކޮވިޑުގެ ހާލަތަށް ބެލުމަށްފަހު، މި އުސޫލުގައިވާ ކަންތައްތަކަށް ބަދަލު ގެނެވޭނެ ކަމަށެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މޭ މަހުގައި ގޯސްވުމުގެ ސަބަބުން އެޗްޕީއޭއިން މީގެ ކުރިން ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވުމާ އެކު، އެ އުސޫލުތައް ލުއިކޮށް، އެޗްޕީއޭއިން ވަނީ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައެވެ. އޭގެ ތެރޭގައި ވެކްސިން ވަކި ވަރަކަށް ފުރިހަމަ ކުރާ ރަށްރަަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަ ކުރި ފަރާތްތަކުން ކަރަންޓީނުވާން ނުޖެހުމާއި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކުން ނެގަޓިވް ސާމްޕަލް އެއް ހުށަހެޅުމުން ކަރަންޓީނު ވާން ނުޖެހި ދަތުރުކުރެވޭ ގޮތަށް ބަދަލު ގެނައުން ހިމެނެއެވެ.