ޗުއްޓީ ނިންމުމަށް ފަހު އެނބުރި އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އައުމަށް ފަހު 5 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
މިނިސްޓްރީ އިން މިގޮތަށް ނިންމާފައި ވަނީ ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީނު ނުވެ ސްކޫލްތަކަށް ދިޔުމާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވަނީ މަޝްވަރާ ކޮށްފައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓުގައި ރާއްޖެ އަށް ދަތުރުކުރާ މީހުން ކަރަންޓީނު ވުމާ ގުޅޭގޮތުން އެޗްޕީއޭ އިން ވަނީ ވަރަށް ފަހުން އުސޫލެއް އާންމުކޮށްފައެވެ.
އެ އުސޫލުގައި ވަނީ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިނެއްހެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވިތާ 60 ދުވަސް ހަމަނުވާނަމަ ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް މިނިސްޓްރީގެ މި އެންގުމާއެކު މިކަންކަން ފުރިހަމަވެފައިވާ ބިދޭސީ ޓީޗަރުންވެސް ފަސް ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެއެވެ.
އެއާއެކު މިވަގުތު ޗުއްޓީގައި އަމިއްލަ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީ ޓިޗަރުން އެނބުރި ރާއްޖެ އައިސް، ދިރާސީ އާ އަހަރު އޯގަސްޓް 10 ވަނަ ދުވަހު ފެށުމުގެ ކުރިން ފަސް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.
އޭގެ ކުރިން އަންނަ މަހުގެ ފަސް ވަނަ ދުވަހު ސްކޫލްތަކަށް އެކަޑަމިކް މުވައްޒަފުން ރިޕޯޓުކުރަން ފަށާނެއެވެ. އެ މުވައްޒަފުންވެސް ވެކްސިން ޖަހަން ޖެހެއެވެ.