މީގެ 2 އަހަރު ދުވަސް ކުރިން ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކުގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވާ މީހުން، އައިސޮލޭޝަންގައި ހޭދަ ކުރަން ޖެހޭ މުއްދަތަށް، ފަރަންސޭސިވިލާތުން ލުއި ދީފިއެވެ.

ހަބަރު ލިބޭ ގޮތުގައި ވެކްސިން ފުރިހަމަ ކުރުމަށް ފަހުވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، އެމީހަކު އައިސޮލޭޝަންގައި ހޭދަ ކުރަން ޖެހޭނީ 7 ދުވަސް ކަމުގައި ފަރަންސޭސިވިލާތުން މިހާރު ވަނީ ކަނޑައަޅާފައެވެ. ކުރިން މި މުއްދަތަކީ 10 ދުވަހެވެ.

ވެކްސިން ފުރިހަމަ ކުރުމަށްފަހު ކަރަންޓީނުގައި ހޭދަ ކުރާ މުއްދަތުގައި، ނެގެޓިވް ނަތީޖާއެއް ލިބިއްޖެނަމަ 5 ދުވަހުގެ ތެރޭގައި ކަރަންޓީނު ބަންދުން މިނިވަން ވާ ގޮތަށްވެސް ފަރަންސޭސިވިލާތުން ވަނީ ހަމަޖައްސާފައެވެ. އަދި ޕޮޒިޓިވް ކޭހަކާ އެކީ އެއްތާ ވާ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައި ވާ ބައެއް ނަމަ، އެމީހުން އެކަހެރިވެ، ކަރަންޓީނު ވާން ނުޖެހޭނެ ކަމަށްވެސް ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.

އެމެރިކާއިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އައިސޮލޭޝަންގައި ހޭދަ ކުރާ މުއްދަތު 5 ދުވަހަށް މަދު ކޮށްފައެވެ. އެމެރިކާގެ މި ނިންމުމަކީ ސިނާއީ އެކި މަސައްކަތަކަށް ކުރިމަތިލާން ޖެހިފައިވާ މަސައްކަތްތެރިންގެ ހާޒިރީގެ މައްސަލައަށް ހައްލު ހޯދުމަށް އެޅި ފިޔަވަޅެއް ކަމަށް ހަބަރު ލިބެއެވެ.

ފަރަންސޭސިވިލާތުން ބުނީ ފިޔަވަޅުތަކަށް ދޫ ދިނީ، ކޮވިޑުން ރައްކާތެރި ވުމާއެކު، އިގުތިސޯދީ-އިޖުތިމާއީ ދިރިއުޅުންވެސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ކަން މިހެން އޮތް އިރު، ހޮނިހިރު ދުވަހު ފަރަންސޭސިވިލާތުން ވަނީ، ކޮވިޑް ކޭސް ފެނުނު އަދަދު 10 މިލިއަންގެ ފާހަގަ ހުރަސް ކުރި ގައުމުތަކުގެ ލިސްޓަށް އަރާފައެވެ. ފަރަންސޭސިވިލާތަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށި ފަހުން މި ލިސްޓަށް އެރި 6 ވަނަ ގައުމެވެ.