މިއީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. ފާއިތުވެ ދިޔަ އަހަރުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ނަގުދު ފައިސާ ބޭނުން ކުރި މިންވަރު ދިޔައީ ދަށަށެވެ. ނަމަވެސް ނަގުދު ފައިސާއަށް އޮތް ޑިމާންޑް ދިޔައީ އިތުރު ވަމުންނެވެ. ނޭނގެނީ އެ ފައިސާއިން ކުރާ ބޭނުމެކެވެ. އެ ފައިސާ ވަންނަ ތަނެކެވެ.
އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލުންތަކެއް ބުނާ ގޮތުގައި އެގައުމުން 50 ބިލިއަން ޕައުންޑްގެ ނަގުދު ފައިސާ ވަނީ ގެއްލިފައެވެ. މިއީ އެމެރިކާ ޑޮލަރުން ބަލާއިރު ގާތްގަނޑަކަށް 67.4 ބިލިއަން ޑޮލަރެވެ. ގެއްލިފައިވާ ފައިސާގެ މައްސަލަ ތަހުގީގު ކުރުމަށްވެސް ވަކީލުން ވަނީ އިނގިރޭސި މަރުކަޒީ ބޭންކަށް ގޮވާލާފައެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އާންމު އެކައުންޓްތަކާ ބެހޭ ކޮމިޓީގެ ޗެއާ، މެގް ހީލިއާ ވިދާޅުވީ ކޮންމެވެސް ތަނެއްގައި އެ ފައިދާ "ގުދަން ކޮށްފައި" ހުންނާނެ ކަމަށާ، ނަމަވެސް އެއީ ކޮން ބޭނުމަކު، ކޮން ބަޔަކު، ކޮން ތަނެއްގައި ގުދަން ކޮށްފައި ވާ ނަގުދު ފައިސާތަކެއް ކަން ބޭންކް އޮފް އިންގްލަންޑް އަށް ނޭނގޭ ކަމަށާ، އެކަމާ އެ ބޭންކުން އެހާ ކަންބޮޑުވެސް ނުވާ ކަމަށެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހީލިއާ ވިދާޅުވިއެވެ.
ލަހެއް ނުވެ ބޭންކް އޮފް އިންގްލަންޑްއިން ވަނީ ޖަވާބުދާރީ ވެފައެވެ. މަރުކަޒީ ބޭންކުން ބުނާ ގޮތުގައި، އާންމު ރައްޔިތުން ނަގުދު ފައިސާ ރައްކާ ކުރާ ސަބަބު ބަޔާން ކޮށްދޭކަށް ނުޖެހެއެވެ. އެހެންކަމުން، ނަގުދު ފައިސާއަކީ ގެއްލިފައިވާ ފައިސާ ކަމަށް ބުނެވެން ނެތް ކަމަށްވެސް މަރުކަޒީ ބޭންކުން އާންމު ކުރި ބަޔާނުގައިވެއެވެ. އަދި އާންމު ޑިމާންޑާ އެއްވަރަށް ނަގުދު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ދެމި އޮންނާނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ބޭންކް އޮފް އިންޓަނޭޝަނަލް ސެޓްލްމަންޓްސް އިން 2018 ވަނަ އަހަރު އާންމު ކުރި ރިޕޯޓެއް ބުނާ ގޮތުގައި، 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމުގެ ކާރިސާއަށް ފަހު، ކުރިއަރާފައިވާ އިގުތިސޯދުތަކުން ނަގުދު ފައިސާއަށް ކުރާ ޑިމާންޑް ވަނީ އިތުރު ވެފައެވެ. މައިގަނޑު ސަބަބަކީ އިންޓްރަސްޓް ރޭޓް ދަށްވުން ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އެހެނީ، ބޭންކުގައި ރައްކާ ކުރާ ފައިސާއިން ލިބޭ ފައިދާ ދަށްވުމުންނެވެ.