ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލަ މާދަމާ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކުރުމައް ނިންމައިފިއެވެ.

މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ދޮގު ހައްދަވާފައިވާކަމަށް ވިދާޅުގެ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާ ހަވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އެ މައްސަލަ ދިރާސާކޮށް ސުލޫކު ކޮމިޓީއިން ނިންމާފައިވަނީ މުޅި މަޖިލީހަށް އަދި މަޖިލީހުގެ ކޮމިޓީތަކަށް އަމީން ގަސްތުގައި އޮޅުވާލައްވައިގެން މައުލޫމާތު ދެއްވި ކަމަށެވެ. އެ ގޮތަށް ނިންމީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކަމަށް ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވެއެވެ.

މަޖިލީހުގެ އިިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން ފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، 3،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ތިން މަސް ދުވަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.