ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އޮއެވަރުގައި މުޅި ދުނިޔެ ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އަގު ނުކުރެވޭ ވަރުގެ ފުރިހަމަ ހިދުމަތެއް، ހިލޭ ސާބަހަށް ކުރަމުންދާ ބަޔަކީ ދަރުމަވެރިންނެވެ. ނުވަތަ ވޮލަންޓިއަރުންނެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއެކުގައެވެ. އިޖުތިމާއީ ހިދުމަތުގައެވެ. ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާ ހިސާބުން ފެށިގެން، ގޭގެއަށް މުދާ އުފުލާ ދިނުމުގައިވެސް ދަރުމަވެރިންގެ އަގު ނުކުރެވޭ ހިދުމަތެވެ.
ދަރުމަވެރިންނަކީ ކޮވިޑް-19ގެ އިޖާބައަށް މުޖުތަމައު ބައިވެރި ކުރުވުމުގައި އިސް ދައުރެއް އަދާ ކުރާ ބައެއްކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފާހަގަ ކުރެއެވެ. މިއީވެސް ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި ދަރުމަވެރިންގެ މުހިންމުކަން އަންގައިދޭ ކަމެކެވެ.
ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހަކީ، ދަރުމައަށް މަސައްކަތް ކުރާ މީހުން ނުވަތަ ވޮލަންޓިއަރުންނަށް ހާއްސަ ކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ހާއްސަ ދުވަހެކެވެ. މި ދުވަސް އަޅުގަނޑުމެންނާއި މިފަހަރު ބައްދަލު ކޮށްފައި މިވަނީ، ކައިރި މާޒީއެއްގައި ދެކެފައި ނުވާ ދަރަޖައަކަށް ދަރުމަވެރިންގެ ހިދުމަތްތައް ލިބެމުން ދަނޑިވަޅެއްގައެވެ.
ދުވަހުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "ޓުގެދާ ވީ ކޭން ތުރޫ ވޮލަންޓިއަރިންގް" ނުވަތަ "އެންމެން އެކުގައި ދަރުމައަށް މަސައްކަތްކޮށްގެން މިކަން ވާނެ" – މި ޝިއާރެވެ.
މި އަހަރުގެ މި ދުވަސް ހާއްސަ ކުރަނީ ދަރުމަވެރިންނަށް ޝުކުރު އަދާ ކުރުމަށެވެ. ކޮވިޑް-19ގެ ތަކުލީފު ބޮޑު ހާލަތުގައިވެސް ދަރުމަވެރިން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށެވެ.
ހާޓްޔޯމާސްކް ކެމްޕޭން
ދަރުމަވެރިންނާއެކު ތިބިކަން އަންގައިދިނުމަށް ބޭނުން ކުރުމަށް ރަމްޒެއްގެ ގޮތުގައި ބޭނުން ކުރަނީ ނުކުލައިގެ ހިތެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކޮންމެ އިންސާނެއްގެވެސް ހަށިގަނޑުގެ އެއް ބައި ކަމުގައި ހަދަން ޖެހިފައިވާ މާސްކުގައި ނޫކުލައިގެ ހިތެއް ކުރަހައިގެން، ދަރުމަވެރިންނަށް ޝުކުރު އަދާ ކުރުމަށް އދއިން ވަނީ ހާއްސަ ކެމްޕޭނެއްވެސް ލޯންޗު ކޮށްފައެވެ.
އެގޮތުން، ކޮންމެ މީހަކުވެސް، މާސްކުގައި ނޫކުލައިގެ ހިތެއް ކުރަހާ، ސެލްފީއެއް ނަގާ، "ހާޓްޔޯމާސްކް" ހޭޝްޓެގުގައި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަށް އދއިން އެދެއެވެ. މިއީ ދަރުމަވެރިންގެ އަގު ނުކުރެވޭ ހިދުމަތަށް ޝުކުރު އަދާ ކުރުމަށް ކުރެވިދާނެ ކުޑަ މިންވަރެއްގެ ކަމެކެވެ.
ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، ދަރުމައަށް މަސައްކަތް ކުރުމަކީ ސަރުކާރުތަކުންވެސް ބަލައިގަންނަ ކަމެއް ކަމުގައި ހަދާ، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުގައިވެސް މިކަން ޝާމިލު ކުރުމަށް ގޮވާލައްވާފައެވެ.