ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އައިސްބާގް ނުވަތަ ގަނޑުފެންގަނޑު ކަމަށް ބެލެވޭ ގަނޑުފެންގަނޑުގެ މަންޒަރުތައް، އިނގިރޭސި ރޯޔަލް އެއާފޯސް (އާރްއޭއެފް)ގެ މަތިންދާ ބޯޓަކުން ފޮޓޯނަގައިފިއެވެ.

މި ގަނޑުފެންގަނޑު ދަތުރު ކުރަމުން ދަނީ، ދެކުނު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ.

ސައުތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދާ ދުނިޔޭގެ އެންމެ ބޮޑު އައިސްބާގު / ފޮޓޯ: ކޯޕަރަލް ފިލިޕް ޑައީ

އޭ68އޭ ގެ ނަން ދީފައިވާ މި ގަނޑުފެންގަނޑުގެ ބޮޑު މިނުގައި ގާތްގަނޑަކަށް 4200 އަކަ ކިލޯމީޓަރު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ކަނޑުގެ ލޮނުގަނޑުން މައްޗަށް 30 މީޓަރަށް އުފުލިފައިވާއިރު، ކަނޑުގެ އަޑިއަށް 200 މީޓަރު ފައިބާފައި ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އާރްއޭއެފްގެ ފްލައިޓުން ނަގާފައިވާ މަންޒަރުތަކަށް ބަލާއިރު މި ގަނޑުފެންގަނޑުން ތަންތަންގަނޑު ކަނޑައިގެން ގޮސް ނުވަތަ ބިންދައިގެން ގޮސްފައިވާތީވެސް ފާހަގަ ކުރެވެއެވެ.

ސައުތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދާ ދުނިޔޭގެ އެންމެ ބޮޑު އައިސްބާގުގައި އުފެދިފައި ހޮހަޅައެއް / ފޮޓޯ: ކޯޕަރަލް ފިލިޕް ޑައީ

ރާޅުބާނީގެ އަސަރާއެކު ގަނޑުފެންގަނޑުގެ އަރިމަތިން ތަންތަންގަނޑޫ ނައްޓައިގެން ގޮސްފައި ވާއިރު، ނައްޓައިގެން ގޮސްފައިވާ ބައިތަތަކީވެސް ޓްރެކް ކުރަން ޖެހޭނެ ބައިތަކެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އެހެނީ، މި ތަކެއްޗަކީ ކަނޑު ދަތުރުފަތުރަށް ނުރައްކާ ކުރިމަތި ކުރުވާފާނެ ބައިތަކަކަށް ވުމުންނެވެ.

އޭ68އޭ މިހާރު ދަތުރު ކުރަމުން ދަނީ ސައުތު ޖޯޖާގެ އެއްގަމާ ދިމާލަށް ކަމުން، ތިލަފެނުގައި ޖެހި ގަނޑުފެންގަނޑަށް އިތުރު ތަނަކަށް ދަތުރު ނުކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ.

ސައުތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދާ ދުނިޔޭގެ އެންމެ ބޮޑު އައިސްބާގުން ވަކިވެފައިވާ ބައިތައް / ފޮޓޯ: ކޯޕަރަލް ފިލިޕް ޑައީ

ދުނިޔޭގެ އެންމެ ފިނި ސަރަހައްދުތަކުގެ ތެރޭގައި ގުނާލެވޭ އެންޓާޓިކާ ތަނޑިން އޭ68އޭ ނައްޓައިގެން ދިޔައީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު މި ގަނޑުފެންގަނޑުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 6000 އަކަ ކިލޯމީޓަރެވެ.