ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އުފައްދާ ވެކްސިން އެމެރިކާއަށް ލިބުމުން، އެ ވެކްސިން ނެގުމަށް އެއްވެސް ރައްޔިތަކަށް މަޖުބޫރު ނުކުރައްވާނެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، އަމިއްލަ ގެދޮރު ފިޔަވާ އެހެން ހުރިހާ ތަނެއްގައި އުޅޭ އުޅުމުގައި، ހުރިހާ އެންމެންވެސް މާސްކު ބޭނުން ކުރުމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒަސް ކޮންޓްރޯލް (ސީޑީސީ) އިން ފުރަތަމަ ފަހަރަށް އިލްތިމާސް ކުރި ދަނޑިވަޅުގައެވެ.

އެމެރިކާގެ ހަލީމް ކުލިނިކުގައި ޕޭޝަންޓެއްގެ ލޭގެ ޕްރެޝަރު ބެލުމުގައި މުސްލިމު، އަންހެން ޑޮކްޓަރަކު ހަރަކާތްތެރިވަނީ/ފޮޓޯ: ޓޯލްޑޯބްލޭޑް

ސީޑީސީއިން ބުނީ، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރެމުންދާ ދުވެލި ހަލުވި ވެފައިވާ މަރުހަލާއަކަށް އެމެރިކާގެ މަސްރަހު ބަދަލު ވެފައި ވާ ކަމަށެވެ.

ހުކުރު ދުވަހު އެކަނިވެސް އެގައުމުން 225000 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައި ވާއިރު، 2500 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14.3 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 278000 އަށް ވުރެ މައްޗަށް އަރާފައެވެ.

ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު، ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާ ބައިޑަން ވަނީ، އޭނާ ހުވާ ކުރައްވާ އިހުތިފާލަކީ ކުޑަ ގޮތަކަށް ނިންމާލާނެ އިހުތިފާލެއް ކަމަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، ބައިބޯ އެއްވުމެއް ނޯންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން، މާސްކު އެޅުމަށް ބާރު އަޅުއްވާ / ފޮޓޯ: ނޯތުއީސްޓަން ޔުނިވާސިޓީ

ބައިޑަންގެ ވެކްސިން ސިޔާސަތަކީ ކޮބާ؟

ފައިޒާ/ބައޮއެންޓެކްގެ ވެކްސިނަކީ 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނާއިރު، މޮޑާނާގެ ވެކްސިނަކީ 94 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެއެވެ. މޮޑާނާއާއި ފައިޒާއިންވެސް ވަނީ އާންމު އުސޫލުން ވެކްސިން ފޯރުކޮށްދިނުމުގެ ހުއްދައަށް އެދި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް ހުށަހަޅާފައެވެ.

އެމެރިކާގެ އަދުގެ ނައިބު ރައީސް މައިކް ޕެންސް ވަނީ، ކުރިއަށް އޮތް ދޮޅު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެފްޑީއޭގެ ހުއްދައިގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އަސްޓްރާ ޒެނީކާ

ކަން މިހެން އޮތް އިރު، ޑެލަވެއާގައި ތަގުރީރު ކުރައްވަމުން އިންތިހާބީ ރައީސް ބައިޑަން ވިދާޅުވީ، ވެކްސިން ނެގުމަކީ މަޖުބޫރު ކަމެއް ކަމުގައި ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. ބައިޑަން ވިދާޅުވީ، ރަނގަޅު ނިންމުމެއް ނިންމުމަށް ރައްޔިތުންނަށް ވިސްނަވާ ދެއްވުމަށް، ރައީސެއްގެ ހައިސިއްޔަތުން ކުރެއްވެން އޮތްހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ޕިއު ރިސާޗް ސެންޓަރުގެ ހޯދުންތައް ދައްކާ ގޮތުން، އެމެރިކާގެ އާބާދީއިން މިވަގުތު ވެކްސިން ޖެހުމުގެ ފިކުރު ގެންގުޅެނީ އެންމެ 60 ޕަސެންޓް މީހުންނެވެ. ނަމަވެސް މިއަދަދު ސެޕްޓެމްބަރު މަހު އުޅުނީ 51 ޕަސެންޓްގައި ކަންވެސް ފާހަގަ ކުރަންޖެހެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެމެރިކާގެ ޔުނައިޓަޑް މެމޯރިއަލް މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓެއް / ފޮޓޯ: ރޮއިޓާޒް

ބައިޑަން ވަނީ، އާންމުކޮށް ފެންނާނެ ފަދަ ތަނެއްގައި ވެކްސިން ނެންގެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބަރާކް އޮބާމާ، ޖޯޖް ޑަބްލިއު ބުޝް އަދި ބިލް ކްލިންޓަންވެސް ވަނީ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް، އާންމުންނަށް ފެންނާނެ ފަދަ ގޮތަކަށް ވެކްސިން ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހަކީ އެމެރިކާގެ ހުރިހާ ރައްޔިތުންވެސް މާސްކު ބޭނުން ކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށް ބައިޑަން ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ ހުރިހާ އިމާރާތެއްގައި މާސްކު ބޭނުން ކުރުން މަޖުބޫރު ކުރައްވާ، އެކަމަށް އަމުރެއް ނެރުއްވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.