ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ފުރަތަމަ ބެޗު، އިނގިރޭސިވިލާތަށް ގެންގޮސްފިއެވެ.

އާންމު އުސޫލުން ވެކްސިން ދިނުމުގެ ރޭހުގައި އެމެރިކާއާއި ވިލާތުގެ ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހު ކުރި ހޯދި އިނގިރޭސިވިލާތަށް ބޭލި ފުރަތަމަ ބެޗްގެ ވެކްސިން ޑޯޒްތައް ގެންގޮސްފައި ވަނީ، މަރުކަޒީ ހަބަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އެއީ ކޮން ސަރަހައްދެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތަކަށް ވެކްސިން ޑޯޒްތައް ފޯރުކޮށްދެމުންދާނީ މި ހަބުން ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުން ވަނީ 40 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ދީފައެވެ. އެއީ 20 މިލިއަން މީހުންގެ ވެކްސިނެވެ.

ކޮވިޑް-19އާ ދެކޮޅަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޔާހޫ ނިއުސް

އިނގިރޭސިވިލާތުގެ އިސްތިގުލާލީ ގައުމެއްގެ ގޮތުގައި އޮންނަ އިންގްލަންޑްގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސާ، ޕްރޮފެސާ ޖޮނަތަން ވާން-ޓާމް ވިދާޅުވީ، ފުރަތަމަ ބުރުގެ ވެކްސިންއާއެކު، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މިންވަރާއި، މި ބަލީގައި މީހުން މަރުވާ ނިސްބަތް 99 ޕަސެންޓް ދަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، ވީ އެންމެ ހަލުވި ދުވެއްޔެއްގައި، ވީ އެންމެ ގިނަ އަދަދެއްގެ ވެކްސިން ފޯރުކޮށްދިނުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް، އެ ބަލިން ދިފާއު ހޯދުމަށް އިނގިރޭސިވިލާތުގައި އާންމު އުސޫލުން ބޭނުން ކުރުމަށް އެންމެ ފުރަތަމަ ހުއްދައިގެ ސިއްކަ ކަށަވަރު ކުރި ފައިޒާ/ބައޮއެންޓެކް ގެ ވެކްސިން އުފައްދާފައި ވަނީ ބެލްޖިއަމްގައެވެ. އަދި މި ވެކްސިންގެ ފުރަތަމަ ބެޗް، އިނގިރޭސިވިލާތަށް އުފާލާފައިވަނީ ޔޫރޯޓަނަލް ހުރަސްކޮށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލެބެއްގައި މާސްކެއް ތުރުކުރައްވައިގެން / ފޮޓޯ: ޑެންވާ7

އިނގިރޭސިވިލާތުގައި މި ވެކްސިން ލިބޭނެ މީހުންގެ ލިސްޓަށް ނަން ހުށަހަޅަނީ، ޖޮއިންޓް ކޮމިޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަން (ޖޭސީވީއައި) އިންނެވެ. އޭގެ ފަހުން، ވެކްސިން ދޭނެ މީހުން ނިންމަނީ ސަރުކާރުންނެވެ. މިވަގުތު އުސޫލުތައް ހަމަޖެހިފައި އޮތް ގޮތުން، އިސްކަން ދޭ ލިސްޓުގެ އެންމެ ކުރީގައި އޮތީ ދޮށީ އުމުރުގެ މީހުން ބަލަން ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި ތިބި ދޮށީ އުމުރުގެ މީހުންނާއި، އެ މީހުން ބެލުމަށް އެތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. އޭގެ ފަހަތުން އޮތީ 80 އަހަރުން މަތީގެ މީހުންނާއި، ސިއްހީ ހިދުމަތްތެރިންނެވެ.

ފައިޒާ/ބައޮއެންޓެކްގެ ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާއިރު، މިވަގުތު މި އިންތިޒާމް ހަމަޖެހިފައި ވަނީ ހޮސްޕިޓަލުތަކުގައެވެ.

ކޮވިޑް-19އާ ދެކޮޅަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ފްރާންސް 24

މި ވެކްސިން ފުރިހަމަ ވަނީ 2 ޑޯޒް ހަމަ ކުރުމުންނެވެ. ފުރަތަމަ ޑޯޒް އަށް 12 ދުވަސް ވާއިރު، ދިފާއު އުފެދެން ފަށާފައެވެ. އަދި 21 ވަނަ އަށް ވާ ދުވަހު 2 ވަނަ ޑޯޒް ނަގަންޖެހެއެވެ. އަދި 28 ވަނަ އަށް ވާ ދުވަހު، ކޮވިޑް-19އާ ދެކޮޅަށް ފުރިހަމަ ދިފާއެއް ލިބޭ ކަމަށް ފައިޒާ/ބައޮއެންޓެކުން ބުނެއެވެ.

ފައިޒާ/ބައޮއެންޓެކުގެ ކޮވިޑް-19 ވެކްސިނަކީ، މި ބައްޔާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބ ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ. ކުރިއަށް އޮތް ހަފުތާ ތެރޭގައި އިނގިރޭސިވިލާތުގައި ވެކްސިން ދޭން ފަށާނެއެވެ.