އަންނަ އަހަރު ހިންގުމަށް ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ލ. އަތޮޅުގައި ހިންގުމަށް ބަޖެޓް ކޮށްފައިވާ ކަންކަން ރައީސް ވިދާޅުވެ ދެއްވައިފިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެ ދެއްވީ، ލ. ގަމަށް ވަޑައިގެން ހައްދުންމަތީގައި ކުރިއަށް ގެންދާ 3 މަޝްރޫއު އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ތަރައްގީ ލާމަރުކަޒު ކުރުމުގެ ވަރަށް ގިނަ މަޝްރޫއުތައް، އަންނަ އަހަރުގެ ތެރޭގައިވެސް ލ. ގަމާއި ލާމު އަތޮޅުގައި ކުރިއަށް ގެންދިއުމަށް ޕްލޭން ކޮށްފައި ވާ ކަމަށެވެ. އޭގެ ތެރެއިން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އެމަނިކުފާނު ވަނީ ވިދާޅުވެ ދެއްވާފައެވެ.

ގަން، ފޮނަދޫ

ރައީސް ސޯލިހް ވިދާޅުވީ ލ. ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތް މިހާރު ވާނީ އެމްޓީސީސީއާ ހަވާލުކުރެވިފައި ކަމަށެވެ. އަދި ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް، އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ބަޖެޓުކޮށްފައި ވާއިރު ގަމުގެ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ވެސް މިހާރު އޮތީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއއެވެ. އެމަނިކުފާނު ވިދާޅުވީ ގަމުގައި ބޯފެނުގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު އޮތީ، އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުޅުވައިލުމުގެ މަރުހަލާގައި ކަމަށެވެ.

އޭގެ އިތުރުން، ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރެވިގެން ދާނެ ކަމަށާއި ފޮނަދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމާއި، ފޮނަދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް، އަންނަ އަހަރު ފެށުމަށް މިހާރު ވާނީ ބަޖެޓު ކޮށްފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިގްތިސޯދީ ހަބެއްގެ ގޮތުގައި ގަން، ފޮނަދޫ ތަރައްގީ ކުރުން ކަމަށެވެ. އަދި އެ ސަރަހައްދަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ތަރައްގީ ކުރެވޭނެ އެއް ސަރަހައްދު ކަމަށް ވާތީ، އެ ވިސްނުމުގައި ވެސް ކަންތައްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާބައިދޫ، މާމެންދޫ

ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަސްވެރިންގެ ލުއިފަސޭހަ އަށްޓަކައި ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމުގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި ލ. މާމެންދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް، އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ގާއިމު ނުކުރެވި ހުރި ހުރިހާ ރަށެއްގައި ވެސް، އެ ހިދުމަތް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ. އަދި ކާރިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި، މި ސަރަހައްދުގައި ގާއިމު ކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ފޮނަދޫގައި ގާއިމު ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.