މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައި ނުވާ ވަރުގެ "މުސްކުޅި" މަހެއް ފެނިއްޖެ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ހުޅަނގުގެ ސަރަހައްދުން ފެނުނު މި "މުސްކުޅި" މަހަކީ، މިޑްނައިޓް ސްނެޕާ ނުވަތަ ދިވެހި ނަމުން ނަމަ، ކަޅު ފޮނިޔާމަހެއް ކަމަށް މައުލޫމާތު ލިބެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި، މި މަހަށް 81 އަހަރު ވެދާނެއެވެ. އެހެންކަމުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުވެސް ދުނިޔޭގައި އުޅުނު ކަމަށް ބެލެވޭ މި މަސް ހޯދީ، އޮސްޓްރޭލިއާގެ ހުޅަނގުން، 300 ކިލޯމީތަރު ބޭރުންނެވެ. މި މަސް ފެނުނީ، ރޯލީ ޝޯލްސްގެ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް މެރިން ސައެންސްގެ ދިރާސާ ޓީމަށެވެ.

މި ޓީމަކީ، ވިޔަފާރީއާއި ކުޅިވަރަށްވެސް ބާނާ ނުއުޅޭ ޒާތުގެ މަހުގެ އުމުރު ބެލުމަށް 3 ބާވަތެއްގެ މަހަކަށް ޓާގެޓްކޮށްގެން ދިރާސާ ކުރަމުން ދިޔަ ޓީމެކެވެ. މި 3 ބާވަތުގެ ތެރޭގައި މިޑްނައިޓް ސްނެޕާގެ އިތުރުން ދެން ހިމެނެނީ ބްލެކް އެންޑް ވައިޓް ސްނެޕާ (ފޮނިޔާމަސް) އަދި ރެޑް ބޭސްއޭ ކިއާ ޒާތުގެ މަހެކެވެ.

އޮސްޓްރޭލިއާގެ ހުޅަނގުގެ ސަރަހައްދުން ފެނުނު ޒާތުގެ މިޑްނައިޓް ސްނެޕާއެއް / ފޮޓޯ: ރީފްގައިޑް

ސައެންސްވެރިންނަށް ފެނުނު 81 އަހަރުވީ ކަމަށް ބުނާ މަހާއެކު، އުމުރުން 60 އަހަރުން މަތީގެ އިތުރު 10 މަހެއްވެސް ވަނީ ފެނިފައެވެ. މީގެ ތެރޭގައި އުމުރުން 79 ވެދާނެ ކަމަށް ބެލެވޭ ރެޑް ބޭސް އޭ ކިއާ ޒާތުގެ މަހެއްވެސް ވަނީ ފެނިފައެވެ.

ސައެންސްވެރިން، މަހުގެ އުމުރު ދެނެގަންނަނީ މަސް ފަޅާ ލުމަށްފަހު، އޭގެ ކަށިތައް ދިރާސާ ކޮށްގެންނެވެ. އެއީ، ގަހުގެ އުމުރު ދެނެ ގަންނަ ފަދަ ރިންގުތަކެއް ހުންނަ ކަށިތަކެކެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހައިރަކާތްތެރިވި ފިޝް ބައޮލޮޖިސްޓް ބްރެޓް ޓޭލާ ބުނީ، އެންމެ ފަހުން މި ފެނުނު 81 އަހަރުގެ މަހަކީ، މީގެ ކުރިން ފެނުނު އެންމެ "މުސްކުޅި" މަހުގެ ރެކޯޑް މުގުރާލި މަހެއް ކަމަށެވެ. މީގެ ކުރިން ފެނުނީ މިއަށް ވުރެ 20 އަހަރު ހަގު މަހެކެވެ.

އޮސްޓްރޭލިއާގެ ދެކުނު ފެނުނު މަހަކީ ކަނޑުގެ ދިރުންތަކަށް ނިސްބަތްވާ މަސްތަކުގެ ތެރެއިން އެންމެ ދޮށީ މަހެއް ނޫނެވެ. އެއަށްވުރެ ގިނަ ދުވަސްވީ މަހުލޫގުތައްވެސް ކަނޑުގައިވެއެވެ. އާކްޓިކް ކަނޑުގެ ސަރަހައްދުގައި އުޅޭ ގްރީލަންޑް ޝާކްސްއަކީ، 400 އެއްހާ އަހަރު ދިރިއުޅޭ ބާވަތެއް ކަމަށް، ކޯޕަންހޭގަން ޔުނިވާސިޓީގެ ދިރާސާ ޓީމުން ލަފާ ކުރެއެވެ.