ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 14 ވަަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޕްރެމްޓިސްޝިޕްގައި ތަމްރީނު ކުރާ ދާއިރާތައް:

  • ގާޑެނިން
  • މޭސަނަރީ
  • ވެލްޑިން
  • އިލެކްޓްރީޝަން
  • ހެވީ ވެހިކަލް އޮޕްރޭޓާ
  • ސައިޓް ސުޕަވައިޒާ ފޯ ބިލްޑިން ކޮންސްޓަރަކްޝަން

ހަތަރު މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ގޮތުގައި ކޮންމެ މަހަކު 6،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާ އެކު ކްލާސްރޫމް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަކީ އޯލެވެލް ނިންމައި ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެއްސަކަށް ވެސް ވާންޖެހެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދޭނެ ކަމަށެވެ.