ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން، ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ވެކްސިން، އާންމު އުސޫލުން ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމުގެ ރެކޯޑް، އިނގިރޭސިވިލާތުން ކަށަވަރުކޮށްފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
ފައިޒާއާއި ބައޮއެންޓެކްގެ ކޮވިޑް-19 ވެކްސިނަށް އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިއުލޭޓަރުން ރުހުން ދިނުމާއެކު، ފުޅާދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް މި ވަނީ މަގު ފަހި ވެފައެވެ.
ފައިޒާގެ ވެކްސިންގެ ގޮތުގައި މީޑިއާގައި ރިއާޔަތް ކުރަމުން އަންނަ މި ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ދަރަޖައަކަށް ދިފާއު ހޯދާ ދޭ، ރައްކާތެރި ވެކްސިނެއް ކަމަށް ބުނެވެއެވެ.
ފައިޒާ ކުންފުނިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒްތައް އިނގިރޭސިވިލާތަށް މިސްރާބު ޖަހާފައި ވާ ކަމަށާ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 800000 ޑޯޒް އެ ގައުމަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާލުވީ، ވެކްސިން ލިބޭ މީހުންނަށް، އެ ގައުމުގެ ސިއްހީ ހިދުމަތްތަކާ ބެހޭ އިދާރާ (އެންއެޗްއެސް) އިން ގުޅަމުން ދާނެ ކަމަށެވެ.
މިވަގުތަށް އުސޫލުތައް ހަމަޖެހިފައި ވާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަކޮށްފައިވާ ފެސިލިޓީތަކުގައި ތިބި ފަރާތްތަކަށެވެ. އެއަށްފަހު، އިސްކަން ދޭ ލިސްޓުގައި ދެން އޮތީ ސިއްހީ ހިދުމަތްތެރިންނެވެ.
ފައިޒާގެ ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާއިރު، ފުރަތަމަ ޑޯޒްތައް ފޯރުކޮށްދެމުންދާނީ ހޮސްޕިޓަލުތަކުން ކަމަށް މައލޫމާތު ލިބެއެވެ.
ފައިޒާއާއި ބައޮއެންޓެކްގެ ވެކްސިނަކީ، ކޮންސެޕްޓް މަރުހަލާއިން ހަގީގީ ދުނިޔެއަށް ވާސިލުވުމުގެ ރޭހުގައި އެންމެ ކުރީގައި އޮތް ވެކްސިނެވެ. އާންމު އުސޫލުން ވެކްސިން ތަރައްގީ ކުރުމަށް 10 އަހަރު ހޭދަވީ ކަމުގައި ވީ ނަމަވެސް، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19އަށް ފައިޒާއާއި ބައޮއެންޓެކުން ވެކްސިން ތަރައްގީކޮށް، އާންމުންނާ ހިސާބަށް ގެނެސްދީފައި މި ވަނީ އެންމެ 10 މަހެއްހާ ދުވަހުގެ ތެރޭގައެވެ.
އިނގިރޭސިވިލާތުން މިހާރުވެސް ވަނީ 40 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ދީފައެވެ. މިއީ ގާތްގަނޑަކަށް 20 މިލިއަނެއްހާ މީހުންގެ ޑޯޒްއެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންގެ ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް ދިނުމަށް 21 ދުވަސް މަޑުކުރެއެވެ. ފުރަތަމަ ޑޯޒް ދޭ ހިސާބުންވެސް ދިފާއި ނިޒާމު ހަރަކާތްތެރިވާން ފަށާއިރު، އެންމެ ފުރިހަމަ ގޮތުގައި ކޮވިޑް-19އާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރަނީ، 2 ވަނަ ޑޯޒް ނަގާތާ 7 ދުވަހުގެ ތެރޭގައެވެ.
ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާންމު އުސޫލުން ވެކްސިން ދޭން ފަށާނެ ކަމަށް އިނގިރޭސިވިލާތުން ހާމަ ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ، އަންނަ ހަފުތާއަކީ އެގައުމުގައިވެސް ފުޅާ ދާއިރާއެއްގައި އާންމު އުސޫލުން ވެކްސިން ދޭން ފަށާނެ ހަފުތާ ކަމަށް އިޝާރާތް ކުރައްވާފައެވެ.