ބައެއް ފަރާތްތަކަށް ދައުވާ އުފުލައި ހުކުމް ކުރަނީ ނަމެއްގައި ކަމުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު އެހެން ވިދާޅުވެ ތުހުމަތު ކުރައްވާފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ހުކުމްތަކާ ގުޅިގެންނެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ކުރި 32 ދައުވާއަށް 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.

ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުން ދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް ކަމަށާއި އިންސާފު ގާއިމް ކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަގީންވާ ކަމަށެވެ. އަދި ނަމެއްގައި ދައުވާ އުފުލައި ހުކުމް ކުރާ އިރު ޖަލު ހުކުމް ހޭދަ ކުރަނީ ކޮންތަނެއްގައި ކަން އެނގޭ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ. ޖަމީލު އެ އިޝާރާތް ކުރައްވަނީ ޒިޔަތާއި އަދީބު ގޭގައި ހުންނެވި ވާހަކައަށެވެ.

ޖަމީލު އިތުރަށް ވިދާޅުވީ މިއީ ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީއަތްތަކުން ހާމަވެގެން ހިނގައްޖެ ކަމަށް ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.

މިއީ ހީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް. ޖިނާއީ އަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީއަތްތަކުން ހާމަވެގެން ހިނގައްޖެ
ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޒިޔަތަށް އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެފައި ވާއިރު ޒިޔަތު ވިދާޅުވީ އެމަގާމުގައި ހުންނަވާ އަމަލު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެންގެވި ގޮތުގެ މަތިން ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް ފައިސާ އެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.