ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 47 ވަނަ މީހާއެވެ. މި ބަލީގައި މިހާތަނަށް 47 މީހުން ނިޔާވެފައި ވާއިރު، މިދިޔަ ނޮވެމްބަރު މަހު އެކަނި ވެސް ވަނީ 8 މީހަކު ނިޔާވެފައެވެ. މިއަދު ނިޔާވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްއީއޯސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހެނދުނު 7:49 ހާއިރު އުމުރުން 75 އަހަރުގެ މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އަދި އޭނާ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.
ކޮވިޑަށް ޕޮޒިޓިވް ގިނަ ބަޔަކު ގާތް ގާތުގައި ނިޔާވަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން ބަލި މީހުންނާމެދު ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން، އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާ ބައެއް ތަންތަނުގައި އެކަށީގެންވާ މިންވަރަށް އޮކްސިޖަން ދެވެން ނެތުމާއި، ހުމަށް ޕެނަޑޯލް ފިޔަވާ އެއްޗެއް ނުދޭ ކަމުގެ ޝަކުވާ ހިމެނެއެވެ. މި ޝަކުވާ ތަކާ ގުޅިގެން އެޗްޕީއޭއާ ސުވާލު ކުރުމުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
މިހާތަނަށް މި ބަލީގައި ނިޔާވެފަައި ވަނީ 40 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13011 އަށް އަރާފައެވެ. އޭގެ ތެރެއިން 11،939 މީހަކު ރަނގަޅުވެފައެވެ.