އެއިޑްސް ބައްޔަށް ނިމުން ގެނައުމަށް، ހުރިހާ އެންމެންވެސް ޒިންމާ ހިއްސާ ކުރަން ޖެހޭ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކޮވިޑް-19އާއި އެއިޑްސް ބައްޔަށް ނިމުން ގެނައުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށްވެ، ޒިންމާ ހިއްސާ ކުރަން ޖެހޭ ކަމަށެވެ.

ދުޅަހެޔޮ ސިއްހަތަކީ އިންސާނީ ހައްގެއް ކަމަށާއި، ސިއްހީ ދާއިރާގައި އިންވެސްޓް ކުރުމަކީ އެންމެ އިސް ސަމާލުކަމެއް ދޭންޖެހޭ ކަންތައް ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިޝާރާތް ކުރައްވާފައެވެ.

ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި ޔޫއެންއެއިޑްސްއިން ތައްޔާރުކޮށްފައި ވާ ޕޯސްޓަރެއް / ފޮޓޯ: ޔޫއެންއެއިޑްސް

އެއިޑްސް ބައްޔާއި އަދުގެ ހާލަތު

އެއިޑްސް ބައްޔަކީ، ހިއުމަން އިމިއުނޯ ޑެފިޝަންސީ ވައިރަސް (އެޗްއައިވީ) ގެ ޒަރިއްޔާއިން ޖެހޭ، އެކަކު ގައިން އަނެކަކުގެ ގަޔަށްއަރާ ނުރައްކާތެރި ބައްޔެކެވެ. އެޗްއައިވީ ވައިރަސް އަކީ ލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަހެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. މިބަލީގެ އާހިރު ނަތީޖާ އަކީ މަރުވުމެވެ.

އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، އެއްވެސް އަލާމާތެއް ނުފެނި، 2-7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިމުއްދަތުގައި އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. މިމުއްދަތު 2- 10 އަހަރަށް ނުވަތަ 12 އަހަރު ދުވަހުގެ މުއްދަތަށް ދިއުމަކީ ވެސް ވެދާނެގޮތެކެވެ.

ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި ޔޫއެންއެއިޑްސްއިން ތައްޔާރުކޮށްފައި ވާ ޕޯސްޓަރެއް / ފޮޓޯ: ޔޫއެންއެއިޑްސް

އެކެއްގެ ގައިން އަނެކާގެ ގަޔަށް މި ބަލި އެރުމަށް އޮންނަނީ މައިގަނޑު 3 ގޮތެކެވެ. އެއީ ޖިންސީ ގުޅުން ހިންގުން، ލޭގެ ޒަރިއްޔާއިން އަދި މައިމީހާގެ ފުށުން ދަރިފުޅަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެޗްއައިވީ ޖެހިފައިވާ 38 މިލިއަން މީހުން ދިރިއުޅެއެވެ. މީގެ ތެރެއިން، އެންޓިރެޓްރޯވައިރަލް ތެރަޕީ ލިބެނީ 25.4 މިލިއަން މީހުންނަށެވެ. އަލަށް އެޗްއައިވީ ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރާއިރު، އެއިޑްސްއާ ގުޅުން ހުރި ބަލިތަކުގައި ފާއިތުވީ އަހަރު މި ދުނިޔެ ދޫކުރި މީހުންގެ އަދަދު، 690000 އަށް އަރައެވެ.