މިދިޔަ ހުކުރު ދުވަހު، އީރާނުގެ އިސް ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަހްރީޒާދީ މަރާލަން ހަމަލާ ދީފައި ވަނީ ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓް ކުރާ މެޝިން ބަޑިއަކުން ކަމަށް، އީރާނުގެ ފާޒް ނިއުސް އޭޖެންސީ އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އެ ބަޑި އޮޕަރޭޓް ކުރީ އެހެން ކާރަކުން ކަމަށް ވެސް އީރާނުން ތުހުމަތު ކުރެއެވެ. އީރާނުގެ އިސް ލީޑާޝިޕުން ތުހުމަތު ކުރާ ގޮތުގައި ފަހްރީޒާދީ މަރާލުމުގެ ފަހަތުގައި އޮތީ އިސްރާއީލެވެ. އީރާނުގެ ނިއުކްލިއާ މަޝްރޫއު އެންމެ ފޯރީގައި ހިންގި ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް ހުރި ފަހްރީޒާދީގެ މަރުގެ ބަދަލު، އެކަށީގެންވާ ވަގުތެއްގައި ހިފާނެ ކަމުގެ އިންޒާރުވެސް އީރާނުގެ ލީޑާޝިޕުން ވަނީ ދީފައެވެ.

އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަހްރީޒާދީ މަރާލަން ދިން ހާދިސާގެ ތެރެއިން / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ފަހްރީޒާދީ މަރާލި ގޮތާ މެދު އީރާނުގައި ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެއެވެ. އެތަނުން އެއް ގޮތެއް ކަމަށް ބުނަނީ، ފަހްރީޒާދީއާއި އޭނާގެ ހަށިފާރަވެރިން ކާރުގައި ދަނިކޮށް ބަޑިޖަހާ އަޑުއިވިގެން، ވެގެން އުޅޭ ގޮތެއް ބެލުމަށް ކާރުން ބޭރަށް ފަހްރީޒާދީ ފޭބުމުން، ދުރުގައި އޮތް ކާރަކުން އޭނާގެ ގަޔަށް ބަޑީގެ ހަމަލާތައް އަމާޒު ކުރީ ކަމަށެވެ.

ފަހްރީޒާދީގެ ގަޔަށް 3 ފަހަރެއްގެ މަތިން ބަޑީގެ ހަމަލާ އަމާޒު ވި ކަމަށާ، 3 މިނެޓެއް ހާއިރަށް ދެމިގެންދިޔަ ހަމަލާގައި، ނިސާން ކާރުވެސް ގޮވި ކަމަށްވެއެވެ.

އަނެއް ބަޔަކު ރިޕޯޓް ކުރާ ގޮތުގައި ފުރަތަމަ ގޮވީ ގޮވުމެކެވެ. ބަޑީގެ ހަމަލާތައް ބަދަލު ކުރީ ފަހުންނެވެ.

އޮކްޓޯބަރު 27، 2020 ވީ ހުކުރު ދުވަހު ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަހްރީޒާދީ މަރާލުމުން އާންމުން މުޒާހަރާ ކުރަނީ / ފޮޓޯ: ދި އޮސްޓްރޭލިއަން

ފަހްރީޒާދީ މަރާލުމުގެ އަމަލަކީ، އެމެރިކާއިން ޑްރޯން ހަމަލާދީ، އީރާން އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ގާސިމް ސުލައިމާނީ މަރާލުން ފަދަ ކަމެއް ކަމަށްވެސް އީރާނުން ސިފަކުރެއެވެ.

ވައިޓްހައުސްވެސް ވަނީ ފަހްރީޒާދީގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަން ހާމަކޮށްފައެވެ.

ފަހްރީޒާދީގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އީރާނުން ވަނީ ފަހްރީޒާދީ މަރާލި މައްސަލައަށްފަހު، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އިންޒާރު ކޮށްފައެވެ.