އިނގިރޭސިވިލާތުގެ ގައުމީ ސިއްހީ ނިޒާމު (އެންއެޗްއެސް)ގައި މަސައްކަތް ކުރާ ފްރަންޓްލައިން ހެލްތު ވޯކަރުންނަށް ހާއްސަކޮށްގެން، އަންނަ ހަފުތާ ތެރޭގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާ ވެކްސިން ދޭން ފެށުން އެކަށިގެން ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިނގިރޭސިވިލާތުން ދަނީ، ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކޮށްފައި ވާ ކޮވިޑް-19ގެ ވެކްސިންއަށް ރަސްމީ ރުހުން ދިނުމުގެ މަސައްކަތް، އަންނަ ހަފުތާ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެންއެޗްއެސްގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް، ޑިސެމްބަރު މަހުގެ 7 ވަނަ ދުވަސް އަންނަ އިރު ވެކްސިން ލިބޭނެއެވެ.

ފައިޒާއިން ވަނީ އެކުންފުނީގެ ވެކްސިނަކީ، ކޮވިޑް-19އިން ދިފާއުވުމަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކޮށްފައެވެ. މިއާއެކު، މުޅި ދުނިޔޭގެ ސަމާލުކަން ވަނީ، މި ވެކްސިނަށް ހުއްޓިފައެވެ.

ކޮވިޑް-19އަށް ހާއްސަކޮށްގެން އެކި ފަރާތްތަކުން ވެކްސިން ތަރައްގީ ކުރަމުން އަންނައިރު، އޮކްސްފޯޑްއާއި އަސްޓްރަޒެނީކާ އަދި މޮޑާނާއިންވެސް ވަނީ ވެކްސިންގެ ކާމިޔާބީ ހާމަކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، އިނގިރޭސިވިލާތުން މިހާރުވެސް ވަނީ، އެކި ފަރާތްތަކުން، 40 މިލިއަން ޑޯޒްގެ ވެކްސިން ގަނެފައެވެ.

މިހާރު ރާވާފައި އޮތް ގޮތަށް ކަންކަން ކުރިއަށް ދާނަމަ، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފުރަތަމަ ބެޗްގެ ވެކްސިން، އިނގިރޭސިވިލާތަށް ލިބޭނެއެވެ.