ބައެެއް ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައްދަލުކުރައްވާ އެކުދިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް މިނިސްޓަރު ދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންގެ ހުށަހެޅުމަށް ރިއާޔަތްކޮށް ހިދުމަތް އިސްލާހު ކުރުމުގައި ތެލެސީމިއާ ސެންޓަރަކީ އެކުދިންނާ ގާތް އަމިއްލަ ވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލުކުރުމުގެ އަމާޒު ހިފާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.

ތެލެސީމިއާ ކުދިންގެ ބައެއް ޝަކުވާތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން ތެލެސީމިއާ ސެންޓަރުން ހިދުމަތް ދޭ ގަޑި ތަކަށް ބަދަލުތަކެއް ގެނެސްފައި ވުމާއި ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ދާގޮތަށް ބަދަލުތަކެއް ގެނެސްފައި ވާ ކަން ފާހަގަ ކުރިއެވެ.

ކޮވިޑް އާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ގިނަ ދަތިތަކާ ކުރިމަތިވެފައި ވާއިރު ރާއްޖެއިން ލޭ ލިބުން ވެސް ވަނީ ދަތިވެފައެވެ. އަދި ބްލަޑް ސާވިސް އިން ދަނީ ދޭތެރެ ދޭތެރެ އިން ލޭ ބެނުން ވެގެން އާންމުންގެ އެހީއަށް އެދެމުންނެވެ.

މި އަހަރުގެ ޖުލައި މަހު ނައިބު ރައީސް ފައިސަލް ނަސީމް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާފައި ވާއިރު ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތި ވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް އާ ހިއްސާ ކޮށްފައެވެ.