'ފަލަސްތީނު މައްސަލައިގެ' ވާހަކައަކީ މިއަދު އެއްވެސް މީހަކަށް އާ ވާހަކައެއް ނޫނެވެ. ބޭރުން އައި ޔަހޫދީންތަކެއް، މުސްލިމުންގެ އަތުން ބިންތައް ފޭރިގަނެ، އެތަނުގައި ވަޒަންވެރިވެ އުޅޭ މަންޒަރު ބަލަން ދުނިޔެ އަދިވެސް ނުކުޅެދިފައި އޮންނަތާ އެތައް އަހަރެއް މާޒިވެ ހިނގައްޖެއެވެ. ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރުމަށް އެކުލަވާލި އެންމެ ވަރުގަދަ އިއްތިހާދު، ނުވަތަ އދ އުފެދުނު ފަހުން 75 އަހަރު ފުރުނުއިރުވެސް، ފަލަސްތީނުގެ މައްސަލައަށް އަދާ ޖެހުނުއިރުވެސް ހައްލެއް ހޯދާ ނުދެވުނެވެ. މެދުއިރުމަތީގެ ސުލްހައިގެ ވާހަކައިގައި ޖެހިފައި އޮތީ ސުވާލު މާކެކެވެ.

މިއަދަކީ، ފަލަސްތީނުގެ ރައްޔިތުން، އިސްތިގުލާލީ މިނިވަންކަން ކަށަވަރު ކުރުމަށް ކުރަމުންދާ ވަރުގަދަ ޖިހާދުގެ ހައްގުގައި މުޅި ދުނިޔެ އޮތްކަން އަންގައިދިނުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމުގެ ދުވަހެއްގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް، ބައްދަލު ކޮށްފައި މިވަނީ، މުޅި ދުނިޔެ އިނދަޖައްސާލި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައެވެ.

ކޮވިޑް-19އާ ގުޅިގެން ގައްޒާގެ މައި ބާޒާރެއް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އާދިލް ހަނާ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފަލަސްތީނުން އުފަލަމުންދާ ތަކުލީފުތަކަކީ ފުޅާ ދާއިރާއެއްގައި ދެއްކި ދާނެ ވާހަކަތަކެކެވެ. ސުންނާފަތިވެފައިވާ އެ ފަސްގަނޑުގައި އޮތް ހީނަރު އިގުތިސޯދު، އިނދަޖެހިއްޖެއެވެ. އިންސާނިއްޔަތު ކަމުގެ ހީނަރު މަސްރަހު، އިތުރަށް ނާޒުކުވެއްޖެއެވެ. ހުރިހާ ފަރާތަކުން، ހުރިހާ ގޮތަކުން ފިއްތާލާފައި އޮތް ގައްޒާގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި، ފަލަސްތީނުގެ ފަރާތުން އެންމެ އިސްކޮށް ވަކާލާތު ކުރައްވަމުން ގެންދެވި މުޝީރު، ސާއިބު އުރައިގާތުވެސް ވަނީ މި ބަލިމަޑުކަމުގައި އަވަހާރަވެފައެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ހަމައެކަނި، އިވޭ އަޑުތަކެއް ފަދައެވެ. ވަކިވެވަފައިވާ މިނިވަން 2 ދައުލަތް އުފެދުމުގެ ހަގީގީ ތަސްވީރު، ހައްތަހާ ދަނީ ދުރަށެވެ. ތަފަތު އެތައް ސަބަބަކާ ހެދި، ސުލްހައަކީ އަވާމެންދުރަކަށް ވެއްޖެއެވެ. ޣައިރު ގާނޫނީ އާބާދުތަކެވެ. ފަލަސްތީނުގެ ބިންތަކާ އުމްރާނީ ބިނާވެށި ސުންނާފަތި ކުރުމެވެ. ހަމަނުޖެހުންތަކާއި ހަނގުރާމަވެރިންގެ ކޯޅުންގަނޑެވެ.

އިސްރާއީލާ ގައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ހަމަލާ ބަދަލުކުރަމުންދިޔަ ވަގުތެއްގައި ފަލަސްތީނުގެ ޒުވާނުން އެ ދައުލަތުގެ ދިދަ ވިހުރަނީ/ފޮޓޯ: ޓައިމްސް އޮފް އިސްރާއީލު

އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވާ ގޮތުގައި، މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނު އުފެދިގެން އައުމަށް އޮތް ރާސްތާ ބަލާ، އުއްމީދު އާ ކޮށްދިނުމުގެ ޒިންމާ އެޅިފައި ވަނީ އިސްރާއީލާއި ފަލަސްތީނުގެ ލީޑަރުންގެ އިސްތަށިފުޅުގައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރެމުންދާ ދިއުން ހުއްޓުވުމަށާއި، ހަމަޖެހުންތައް ހުއްޓުވުމަށް ފަލަސްތީނާއި އިސްރާއީލަށްވެސް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ގުޓެރޭޒް ވަކާލާތު ކުރައްވަމުން ގެންދަވަނީ، ޑިމޮކްރަޓިކް، އިސްތިގުލާލީ މިނިވަންކަން ލިބިފައިވާ 2 ދައުލަތުގެ ގޮތުގައި ފަލަސްތީނާއި އިސްރާއީލުވެސް ސުލްހަވެރި ގޮތުގައި ދެމި އޮތުމަށެވެ. 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިންތަކުގެ އިހުތިސޯސްގެ ތެރެއިންނެވެ. 2 ދައުލަތުގެ ވެރިރަށަކީވެސް ގުދުސްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އިސްރާއީލާ ގައްޒާ ހިއްސާކުރާ ފެންސް ކައިރިން ޒުވާނަކު ދުވެފައިދަނީ/ފޮޓޯ: އޭއެފްޕީ

ހަމަ މި މޭރުމުން ގުޓެރޭޒް ވަނީ ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުއި ހޯދާ ދިނުމަށް، ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެއް ވިއްކާ ކޮށްދިނުމަށް ގޮވާލައްވާފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެކުލަވާލާފައިވާ އދގެ ޖަމިއްޔާ (ޔޫއެންއާރްޑަބްލިއުއޭ) އޭއަށް ކުރިމަތިވެފައިވާ ފަންޑުގެ ހީނަރުކަމާ މެދު ގުޓެރޭޒް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޔޫއެންއާރްޑަބްލިއުއޭ އަކީ، ފަލަސްތީނުގެ 5.7 މިލިއަން ރެފިއުޖީންގެ ހައްގުގައި، އިންސާނިއްޔަތަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ކޮވިޑް-19ގެ މި ހައްސާސީ ވަގުތު، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް، މެމްބަރު ގައުމުތަކުން މިހާރުން މިހާރަށް ތެދުވުމަށް ގުޓެރޭޒް ވަނީ ގޮވާލައްވަފައެވެ.

އިސްރާއީލުގެ އުދުވާންތަކުގައި ގައްޒާއިން ޝަހީދު ކޮށްލި އަބޫ މަލްހޫސް އާއިލާގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ހަސަން ޖެދީ

ފަލަސްތީނުގެ ރައްޔިތުން، އިސްތިގުލާލީ މިނިވަންކަން ކަށަވަރު ކުރުމަށް ކުރަމުންދާ ވަރުގަދަ ޖިހާދުގެ ހައްގުގައި މުޅި ދުނިޔެ އޮތްކަން އަންގައިދިނުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވަނީ، ސުލްހައާއި، އަބުރުވެރިކަން އަދި އަދުލު އިންސާނާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް، ފަލަސްތީނުގެ ރައްޔިތުން، ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތަށް، އާ ރޫހެއްގައި އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ގައްޒާއަށް ދިވެހިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރެއިން، ގައްޒާގައި ހާލުގައިޖެހިފައިވާ އާއިލާތަކަށް ގޭސް ސިލިންޑަރު ހަދިޔާ ކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރާނެ ކަމުގެ ޔަގީން ކަން، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ، ނިމިދިޔަ ހަފުތާ ބަންދުގައި ނައިޖާގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައިވެސް ތަކުރާރު ކުރައްވާފައެވެ.