ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ފަރާތްތަކާއި އެފަދަ ފަރާތްތަކުން ކުރަމުން ދާ މަސައްކަތާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ހާއްސަ އޮޕަރޭޝަންތައް ފަހަކަށް އައިސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބި ކަމުގެ ހަބަރުތައް ފެތުރި އެކަމުގެ ކަންބޮޑުވުން މީހުންގެ ހިތްތަކަށް ވަދެފައެވެ.

2900 މީހުންގެ އާބާދީއެއް އޮތް ތ. ތިމަރަފުއްޓަކީ ވެސް ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭ ރަށެކޭ ބުނުމުން ބައެއް މީހުން ހައިރާން ވެދާނެއެވެ. 1200 އެއްހާ މީހުން މިހާރު އުޅެމުންދާ ތިމަރަފުށީގައި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުގައި 50 އެއްހާ މީހުން އުޅޭ ކަމާއި އެވާހަކަތައް ދައްކަމުން ދާއިރު އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެއީ އޭގެ ތެރޭގައި ހިމެނޭ ޒުވާނުންގެ އަދަދު ގިނަ ކަމުންނެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެށުނު ގޮތް:

1995 އިން 2005 އާ ދެމެދު އެރަށުގައި އުޅުނު ޒުވާނުންގެ އާބާދީގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ބައެއް މީހުން އުޅުނު ކަމީ ހިތާމަ ކުރަން ޖެހޭ މައްސަލައެކެވެ. ނަމަވެސް އޭގެ ފަހުން އެ ރަށުގައި މި ފަދައިން އުޅުނު ގިނަ ޒުވާނުން ތަކެއްގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ދީނީ ކަންކަމަށް ލޯބި ޖެހިގެންނެވެ. މިއީ ރަށުގައި ދިރިއުޅެމުން ދިޔަ އެތައް ބަޔަކު އުފާކުރި ކަމެއްވެސް މެއެވެ.

ތިމަރަފުށި ސްޓޭޑިއަމްގައި އެ ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅެނީ / ފޮޓޯ: ދަ ޕްރެސް

ދީނީ ކަންކަމަށް ސަމާލުކަން ދޭ ޒުވާނުން ގިނަވިއެވެ. ކުޅިވަރަށް ބޮޑު ތަރުހީބެއް އޮތް އެ ރަށުގެ ޒުވާނުން ތަކަކަށް އައި ބަދަލު ފެނި ގިނަ ބަޔަކު ދުށީ އެއީ ހެޔޮ ފާލެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ކަންތައް ބަދަލުވެ މީހުންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ގެއްލި ރަށު މީހުންގެ ތެރެއިން އެއްބަޔަކު ވަކިވެގަތް ހިސާބުން މަންޒަރު މުޅިން ބަދަލު ވިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެރަށުގެ މީހަކު ބުނީ އެކަން ފެށިގެން ގޮސްފައި ވަނީ ރަށުގައި އުޅޭ މީހެއްގެ ފަރާތުން ކަމަށެވެ. އެގޮތުން އެ ރަށުގެ ޒުވާނަކު ވަރަށް ގިނައިން މާލެއަށް ގޮސް އުޅޭ ކަމަށާއި އެއް ދަތުރެއްގައި މާލޭގައި އުޅެފައި އޭނާ ރަށަށް ދިޔަ އިރު އޭނާއަށް ހުރީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށް އޭނާ ކިޔައިދިނެވެ. އެމީހާ ހުރީ ބޮލުގައި ފަގުޑިއެއް އަޅައި ޖުއްބާއެއް ލައި، ފަޓުލޫނު ތަނބިކައްޓާ ހަމައަށް ކުރުކޮށްފައި ކަމަށް އޭނާ ބުނެއެވެ.

ތިމަރަފުށީގެ މިސްކިތެއް ކައިރިން މީހަކު ހިނގާފައި ދަނީ / ފޮޓޯ: ދަ ޕްރެސް

އޭނާ ރަށަށް ދިއުމުން އޭނާގެ ބަސް އަހައި އެތައް ޒުވާނުންނެއް ބަދަލުވާން ފެށިއެވެ. އެގޮތުން ގަޑިން ގަޑިއަށް ނަމާދު ކުރަން މިސްކިތަށް އެރުން އިތުރުވެ އެމީހުން ކުރިން އުޅެމުން ދިޔަ ނުރަނގަޅު އާދަތަކުން ދުރަށް ޖެހެން ފެށި ތަން ފެނިގެން ދިޔަ ކަމަށް ވެސް ރަށުގެ ރައްޔިތަކު ބުންޏެވެ. އޭނާ ދައްކަމުން ދިޔަ މަގަށް މަޑުމަޑުން ހެއްލެމުން ދިޔަ މީހުން އިތުރުވަމުން ދިޔައިރު އޭނާ މާގިނަ ދުވަސްތަކަކަށް ރަށުގައި މަޑު ނުކުރާ ކަމަށް ވެއެވެ. އޭނާ އެ ރަށަށް ގޮސް އުޅޭތަން ފެންނަނީ ދޭތެރެ ދޭތެރެއިންނެވެ. ދެން އަނެއްކާވެސް އޭނާ ދުވަސްކޮޅަކަށް ނުފެންނަ ކަމަށް އެމީހާ ކިޔައިދިނެވެ.

"ރަށުގައި ތުނބުޅި ދިގުކޮށްފައި ފައިކުރި އޮޅާފައި ސުންނަތަށް އުޅޭ މީހުން ވަރަށް ގިނަ ވާނެ. އެކަމަކު އެންމެންނަކީ އެ ހަރުކަށި ފިކުރަށް އުޅޭ މީހުންނެއް ނޫން. މިއީ ވަކިން ޖަމާއަތް ހަދައިގެން އުޅޭ ވަކި ބައިގަނޑެއް. މި މީހުން ތިބޭ ތަންތަނުގައި ދައްކާ ވާހަކަތަކުން ހީވާނީ ސީދާ ރަސޫލު ޒަމާނުން އައިސް ތިބީ މީހުން ހެން. އެ ބައިގަނޑުގައި އުޅޭނީ ހުސް ކުދިކުދި ޝެއިހުން."
ތިމަރަފުށި މީހެއް

ރަށުގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ ކަމަށް ބުނާ އެ މީހާއަކީ ތިމަރަފުއްޓަށް އުފަން މީހެކެވެ. ރަށުން މީހަކާ އިނދެގެން އުޅުނު ނަމަވެސް އޭނާ ގިނައިން އުޅެމުން ދަނީ އެ އަތޮޅު ވޭމަންޑޫގައި ކަމަށް ތިމަރަފުށީ މީހަކު ކިޔައިދިނެވެ.

ދުވަހެއް ދުވަހަކަށް އެމީހުންގެ ބަހަށް ހެއްލޭ މީހުން ގިނަވެ އެ ޖަމާއަތުގެ ބޯވަމުން ދިޔަކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ދީނީ ގޮތުން ހަރުކަށި ފިކުރު އުފެދި ރަށުގެ އެއްބަޔަކު ވަކިވެގަތީ ދެން އާންމުކޮށް އުޅެމުން ދިޔަ މީހުންނަކީ "ނަޖިސް" ބައެއްގެ ގޮތުގައި ލޭބަލް ކުރަމުން ކަމަށް ބުނެވެ.

އެރަށުގެ އިސް މަގާމެއްގައި މަސައްކަތް ކުރާ އަދި ގިނަ ބަޔަކު އިހްތިރާމް ކުރާ މީހަކަށް އެ ޖަމާއަތުގެ މީހުން "ތޯޤޫތު" ގެ ނަމުން ގޮވާ ހަދައިކަމަށްވެސް ވެއެވެ.

ހަމައެއާއެކު އެ ރަށުގެ އިސް މަގާމެއްގައި މަސައްކަތް ކުރަމުން ދިޔަ މީހަކަށް ނުދަންނަ ޓެލެގްރާމް 2 އެކައުންޓަކުން އިންޒާރުގެ މެސެޖުތަކެއް ވެސް ފޮނުވި ކަމަށާއި އެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރިކަމަށްވެސް މައުލޫމަތު ވަނީ ލިބިފައެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ޓެލެގްރާމުން މެސެޖް ކުރި ފަރާތް ދެނެގަނެވިފައި ނުވާތީ އެބަޔަކު ދެނެގަނެވެން ދެން މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

ތިމަރަފުށި ބަނދަރު ސަރަހައްދުގައި މަޑުކޮށްގެން ތިބި ބައެއް މީހުން / ފޮޓޯ: ދަ ޕްރެސް

އެ ރަށު މީހަކު ބުނީ، ޖަމާއަތުގައި މިސްކިތަށް ނަމާދަށް އެރުން ހުއްޓި އެމީހުން ވަކިން ނަމާދު ކުރަން އަރަނީ ޖަމާއަތުގެ ނަމާދު ނިމުމުން ކަމަށެވެ. ނަމާދު ވަގުތު ޖެހިގެން ދާއިރު ވެސް އެމީހުން ގްރޫޕު ހަދާފައި ތިމަރަފުށީގައި ހުންނަ "ފާއިޒާ ރެސްޓޯރަންޓް" ގައި ތިބޭ ކަން މުޅި ރަށުގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ބައެއް ހުކުރު ދުވަހު ހުކުރު ނަމާދު ޖަމާއަތުގައި ކުރަންވެސް އޭގެތެރެއިން ބައެއް މީހުން އުޒުރު ދައްކާ ކަމަށާއި، ވަކި މީހަކު އިމާމުވެ ނަމާދު ކުރާތީ އެކަމާ ފާޑު ކިޔާކަމަށްވެސް އެ ރަށު މީހަކު ބުނެއެވެ. ރަށުގެ ދެ މިސްކިތެއްގައި ހުކުރު ކުރާ އިރު އެމީހުން ހިތް ނޭދޭ އިމާމުން ދެ މިސްކިތުގައި ހުތުބާ ދޭ ނަމަ އެމީހުން ތިބެނީ އެ ދުވަހު ހުކުރު ނުކޮށް ކަމަށް މައުލޫމާތު ދިން މީހާ ބުނެއެވެ.

އެ ރަށުގައި "އަމީރަކު" ހޮވާށާއި "ތީރު ޖަހަން" ދަސްކުރި!

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށުގެ ބައެއް މީހުން ބުނީ، ރަށުގައި ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ އިރު އެމީހުން ދިރިއުޅެމުން ދަނީ ރަށުގެ ދެކުނު ފަރާތުގައި ކަމަށެވެ. އެ މީހުން ރަށުތެރެއިން ގެއެއްގައި ވަކި ޖަމާއަތް ހަދައިގެން އެއްވެ އުޅޭ ކަން ފާހަގަ ވެފައި ވާ ކަމަށް ވެސް އެ ރަށުން މައުލޫމަތު ދިން އިތުރު މީހަކު ބުނެއެވެ.

ތިމަރަފުށި ރަށުތެރެއިން / ފޮޓޯ: ދަ ޕްރެސް

އެގޮތުން މިދިޔަ އަހަރުގެ މެދުތެރޭގައި އެރަށުގައި އެ ޖަމާއަތުގެ މީހުން ވަނީ ތީރު ޖަހަން ޕްރެކްޓިސް ކޮށްފައި ކަމަށްވެސް އޭނާ ބުނެއެވެ. އަދި އެ ކަން ޕްރެކްޓިސް ކޮށްފައި ވަނީ އެ ޖަމާއަތުގައި އިސްކޮށް ހަރަކާތްތެރި ވާ މީހެއްގެ ގޭގައި ކަމަށްވެސް އެ ފަރާތުން ބުނެއެވެ. އަދި މިކަމުގެ މައުލޫމާތު އެރަށުގެ ޕޮލިސް ސްޓޭޝަންގައި އޭރު މަސައްކަތް ކުރި ފުލުހުންނަށް ވެސް އެނގޭނެ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.

"ޖަމާއަތުގައި މި ރަށުން އަރާ އިމާމުގެ ފަހަތުން ނަމާދު ނުކުރަން އަދި ހުކުރު ނަމާދު ކުރަން މި މީހުން ޖެހިގެން އޮތް ރަށަށް ދާނެ. އެއީ މި މީހުންގެ ބޮޑު މީހާ ދިރިއުޅޭ ރަށް. އޭނާގެ އަނބިދަރިން މި ރަށުގައި ތިއްބަސް އޭނާ ގިނައިން ގޮސް އުޅޭނީ ވޭމަންޑޫގައި"
ތިމަރަފުށި މީހެއް

އެރަށުގައި އުޅޭ އެ ޖަމާއަތުގެ މީހުން އާމްދަނީ ހޯދުމަށް ލަނޑާ ނަގަން ދާ ކަމަށާއި ނަމަވެސް "ރ. މަޑުއްވަރީ އޮޕަރޭޝަނަށް" ފަހު އެ ރަށު ފަޅުތެރޭގައި އޮތް ލަނޑާ ނަގަން ދާ ދޯނި ގެއްލުނު ކަމަށް އެ ރަށު މީހުން މައުލޫމަތު ދެއެވެ. އެ ދޯނި ވީ ތަނެއް ނޭނގޭ ކަމަށާއި އެ ރަށް ކައިރީގައި އޮންނަ ވޭމަންޑޫ ބަނދަރުގައި ވެސް އެ ދޯނި ނެތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ފަދަ ވޯޓުތަކުގައި ވޯޓު ލުމަކީ ހަރާމް ކަމެއް ކަމަށާއި ވޯޓު ލާން ދާ އެންމެންނަކީވެސް ކާފަރުން ކަަމަށް ބައެއް މީހުން ބުނާކަމަށްވެސް އެރަށުން ބުނެއެވެ.

އެ ޖަމާއަތުގެ ފިކުރަށް ހެއްލެމުން ދިޔަ ޒުވާނުން ގިނަވަމުން ދިޔަ ނަމަވެސް އެ ރަށުގައި އެ ކަމަށް ހެއްލުނު ބައެއް ޒުވާނުންގެ ތެރެއިން އެއްބަޔަކު ވަނީ އެ މީހުންގެ ގްރޫޕާ ވަކިވެފައެވެ. އޭގެތެރެއިން ބައެއް މީހުން ބުނާ ގޮތުގައި އެމީހުން އެ ގްރޫޕުން ވަކި ވެފައި ވަނީ އެމީހުން ކަން ކުރާ ގޮތުން ސުވާލު އުފެދޭ ހިސާބަށް ދިއުމުންނެވެ.

ތިމަރަފުށި ބަނދަރުގައި ބަނދަރުކޮށްފައި ހުރި ދޯނިތައް / ފޮޓޯ: ދަ ޕްރެސް

މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި އެމީހުންގެ ތެރޭގައި އެންމެ އިސް ފަރާތަށް މުހާތަބު ކުރަނީ "އަމީރު" ގެ ނަމުންނެވެ. އެ އަމީރަކީ އިސްކޮސް ވާހަކަދައްކާ އެމީހުންގެ މެދުގައި ހުކުމް ކޮށް، ބަސްބުނާ މީހާއެވެ. އެ ގޮތުން އެރަށު މީހަކަށް އަމީރަކަށް ވާން ހުށްހެޅުމުން އެމީހަކު އެކަމަށް އިންކާރު ކުރި ކަމަށާއި އެކަމަށް އިންކާރު ކުރީ، އަމީރަކަށް ވުމުން މީހެއްގެ އަތް ކަނޑާލަން ވެސް އަމުރު ކުރަން ޖެހިދާނެތީ ކަަމަށާއި އެއީ "ލޭ ހުއްދަ" ދޭ މީހާއަށް ވެ، އެވަރުގެ ޒިންމާއެއް ނެގުމަކީ ރަނގަޅު ކަމެއް ގޮތުގައި ނުފެންނާތީ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުނެއެވެ. އެހެން ކަމުން އޭނާ ވަނީ ފަހުން އެ ޖަމާއަތުން ވަކި ވެފައި ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ. އަދި އެއަށް ފަހު އަމީރެއްގެ ގޮތުގައި އެމީހުން ވަކި މީހަކު ނެގި ކަން އެނގިފައި ނުވާ ކަމަށް ވެސް ބުނެއެވެ.

ކުޑަކުދިންނަށް އިހުމާލުވުން އޮތީ ކިހާވަރަކަށް:

ރަށުގައި ކުޑަކުދިންގެ ގޮތުގައި ސްކޫލަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ގަޑި ޖެހޭ ފަހުން ސްކޫލަށް ދާ ކުދިން ކަން ފާހަގަ ކޮށް އެ މައުލޫމާތުވެސް އެރަށު މީހަކު ވަނީ ހިއްސާ ކޮށްފައެވެ. 2019 އަހަރު ކިޔެވުން ކުރިއަށް ދިޔަ އިރު އެ ރަށު ސްކޫލުގައި ތައުލީމް ހާސިލް ކުރި ކުދިންގެ ތެރެއިން ގާތްގަނޑަކަށް 11 ކުދިން ގަޑި ޖެހިގެން ސްކޫލަށް ދާ ކަމަށް އެރަށު މީހުން ބުނެއެވެ.

އެހާ ގިނަ އަދަދެއްގެ ކުދިންތަކެއް ސްކޫލަށް ގަވާއިދުން ގަޑިޖެހިގެން ދާ ކަމަކީ ހައިރާން ވާން ޖެހޭ ސަބަބެކެވެ. އެކަމުގެ މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ އެފަދައިން ރަށުގައި ސްކޫލަށް ގަވާއިދުން ގަޑި ޖެހިގެން ގެންދާ 11 ކުދިންނަކީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ އާއިލާތަކުގެ ކުދިން ކަމަށެވެ. އެކުދިން ސްކޫލަށް ގަޑި ޖެހިގެން ގެންދާ ސަބަބެއް ކަމަށް ވަނީ ލަވަ ކިޔުމަކީ ހަރާމް ކަމެއް ކަމަށް ބުނެ، ސްކޫލްގެ އެސެމްބްލީގައި ސްކޫލް ލަވަ ކިޔުމާއި ގައުމީ ސަލާމް ކިޔާތީ ކަމަށް އެފަރާތުން ބުނެއެވެ.

ތިމަރަފުށި ރަށުތެރެއިން / ފޮޓޯ: ދަ ޕްރެސް

މިކަމާ ގުޅިގެން ސްކޫލްގެ ޕްރިންސިޕަލް އަކަށް ހުންނެނި ފަރާތުން ވިދާޅުވީ، މި އަހަރު ފެށުނު ފަހުން އެފަދަ ކަންކަން ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކު ބުނި ގޮތުގައި އެކަމަކީ ކުރީގައި ހިނގަމުން ގޮސްފައިވާ ކަމެއް ކަމަށާއި ހަރުކަށި ފިކުރުގެ މައްސަލަތަކާ ހެދި އެފަދަ ކަންކަން ފަހުން ފެންނަ މިންވަރު މަދުވެފައިވާ ކަމަށެވެ.

ތިމަރަފުށީގައި ވެކްސިން ދިނުމާއި ސްކޫލަށް ނުފޮނުވާ އުޅޭ ކުދިން ތިބިކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެ ރަށުގައި އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ސްކޫލަށް ނުފޮނުވާ އުޅޭ ވާހަކަ ރަށުގެ ބައެއް މީހުން ދައްކައި އުޅެއެވެ. ހަރުކަށި ފިކުރުގެ ޖަމާއަތުގެ މީހުންގެ ތެރޭގައި އިސް ސަފުގައި މަސައްކަތް ކުރާ މީހެއްގެ ތިން ކުދިން ސްކޫލަށް ނުފޮނުވާ ކަމަށާއި ފާޅުގައި އެ އާއިލާގެ ކުއްޖަކު ވެކްސިން ނުޖަހާ އުޅޭ ކަމަށް ވެސް އެ ރަށު މީހުން މައުލޫމާތު ދެއެވެ. އަދި އެމީހުން މިހާރު ދިރިއުޅެނީ ތިމަރަފުށީގައި ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެ ރަށުގެ ހެލްތް ސެންޓަރުން ބުނީ އެ ރަށުގައި މިހާރު ވެކްސިން ނުޖަހާ ކުދިން ނުތިބޭނެ ކަމަށެވެ.

ކަން މިހެން އޮތް އިރު މި މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓަށް ފުލުހުން އަރައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަމެއްގައި އެރަށުގެ ގިނަ ގެތަކެއް ބަަލައި ވަނީ ފާސްކޮށްފައެވެ. އެގޮތުން މިހާތަނަށް އެރަށުން 15 ގެއެއް ބަލައި ފާސްކޮށް، ތުހުމަތުގައި 4 މީހަކުވެސް ވަނީ އެރަށުން ހައްޔަރު ކޮށްފައެވެ. އެއީ މިމަހު 11 ވަނަ ދުވަހު ހައްޔަރުކުރި 2 މީހަކާއި، މިދިޔަ ހުކުރު ދުވަހު އެރަށުން ހައްޔަރު ކުރި 2 މީހުންނެވެ.

ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެރަށުން މީހަކު ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ

މިހާތަނަށް އެރަށުން 4 މީހަކު ހައްޔަރު ކޮށްފައިވާ އިރު މާލެ ސަރަހައްދުން ލަނޑާ ނަގާ ދޯންޏަކުން ހައްޔަރުކޮށްފައި ވާ ތިން މީހެއްގެ ތެރޭގައި ވެސް އެރަށަށް ނިސްބަތްވާ މީހުން އެބަ ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ރަށުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާ ޓީޗަރަކު ހިމެނޭ ކަމަށް ވެސް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓެރަރިޒަމްގެ އަމަލު ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިމަރަފުށީ ކޭސްއާ ގުޅިގެން ޖުމްލަ 8 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެއީ ތިމަރަފުށިން ހައްޔަރު ކުރި 4 މީހުންގެ އިތުރުން މާލެއިން ހައްޔަރު ކުރި އެކަކާއި ލަނޑާ ނަގާ ދޯންޏަކުން ހައްޔަރު ކުރި ތިން މިީހުންނެވެ.

"އެހާ ބޮޑަކަށް ރަސްމީކޮށް އެކަހަލަ ކަމެއް ހިނގާކަން އެނގިފައެއް ނެތް. ދެން އެހެން ކިޔާ ރަށުތެރޭ. ދެން ނާހަން އެހާ ބޮޑަކަށް. އެކަމަކު ރަސްމީކޮށް އެނގިފައެއް ނެތް."
ތިމަރަފުށީ ކައުންސިލަރު އިސްމާއިލް އިބްރާހިމް

މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން އާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލަރު އިސްމާއިލް އިބްރާހިމް ވިދާޅުވީ، އެ ރަށުގައި ހަރުކަށި ފިކުރު ފެތުރެމުން ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނުރަސްމީ ކޮށް އެކަހަލަ ވާހަކަ އެއް ރަށުތެރޭގައި ދައްކާ އަޑު އިވިވަޑައިގެންފައި ހުރި ނަމަވެސް އެއިން އެއްވެސް ކަމަކީ ރަސްމީކޮށް ލިބިވަޑައިގެންފައި ވާ މައުލޫމާތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭނގެ އެއްގޮތަކަށް ވެސް. މި އޮޕަރޭޝަންއާ ބޭހޭ މައުލޫމާތު ހޯދަން ޕޮލިހަށް ގުޅައިގެން ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނީ. ކައުންސިލަށް އެއްވެސް މައުލޫމާތެއް ނުދޭ."
ތިމަރަފުށީ ކައުންސިލަރު އިސްމާއިލް އިބްރާހިމް

އަދި މިހާރު އެ މައްސަލަ ފެންމަތިވެގެން ފުލުހުން އައިސް ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާ ކަމަށާއި އެކަމާ ގުޅޭގޮތުން އެންމެ ރަނގަޅު މައުލޫމާތު ދޭން އިނގޭނީ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީހަރު ފުލުހުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާ އިރު އެ ރަށުގައި ޖެންޑާގެ ޓީމެއް ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އެ ގޮތުން އެރަށުގެ އާންމުންނާ ސުވާލު ކުރުމާއި ސްކޫލު ކުދިންނާއި ކުޑަކުދިންނާ ސުވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާރުވެސް އެރަށުގައި 10 ވަރަކަށް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ.

މިދިޔަ އަހަރު ފަހު ކޮޅު ރ. މަޑުއްވަރީން ވެސް ހަރުކަށި ފިކުރުގެ މައްސަލައެއް ފެންމަތިވެގެން އެރަށަށް ފުލުހުން އަރައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ގެތަކާއި ދޯނި ފަހަރުތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ރަށުން ފެނުނު ހެކިތަކާ އެކު ބަޔަކު ހައްޔަރުވެސް ކުރިއެވެ.

މިހާރު ތިމަރަފުށިން ބަޔަކު ހައްޔަރު ކޮށްފައި ވާ އިރު ހަރުކަށި ފިކުރުގެ ވިސްނުން ފެތުރެމުން ދާ އެހެން ބައެއް ރަށްރަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އެބަ ހުއްޓެވެ.