ޖަޕާނުގައި ހަލުވިކަމާއެކު ދޫނި ރޯގާ ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން އިއުތިރާފުވެއްޖެއެވެ.

ދޫނި ރޯގާ ނުވަތަ އެވީއަން އިންފްލުއެންޒާ ފެތުރެމުންދަނީ، ޖަޕާނުގެ ފުކުއޮކާ ޕްރީފެކްޗާގައި ކުކުޅު ގެންގުޅޭ ފާމެއްގައި ކަން ވެސް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުކުޅު ގެންގުޅޭ ދަނޑުތަކުން ގިނަ އަދަދެއްގެ ކުކުޅު މަރުވުމުން ހެދި ޓެސްޓުތަކުން، އޭވިއަން ފްލޫގެ އަސަރު ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ސަރަހައްދުން ފެނިފައިވަނީ އެޗް5 ބާޑް ފްލޫގެ ވައިރަސް ސްޓްރެއިންއެކެވެ.

ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ފެށިއިރު، މިޓޯޓޯ ފާމުން، 4 ދުވަހުގެ ތެރޭގައި 3800 ކުކުޅު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، ވަކިން ހޮވައިގެން، 460000 އެއްހާ ކުކުޅު ނައްތާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. 2016-2017 ވަނަ އަހަރު ފެތުރިގެން ދިޔަ ދޫނި ރޯގާގެ އެޗް5އެން6 ސްޓްރެއިން އާ ގުޅިގެން ޖަޕާނުން ވަނީ 1.67 މިލިއަން ކުކުޅު ނައްތާލާފައެވެ. އަދި 2018 ވަނަ އަހަރު 91000 ކުކުޅު ނައްތާލިއެވެ. ނަމަވެސް މިހާރު ކުރިމަތިވެފައި ވާ ބަލިމަޑު ކަމަކީ، ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވި އެންމެ ސީރިއަސް ބަލިމަޑުކަން ކަމަށް ބުނެއެވެ.